އިޒްރޭލުގެ ކޮންމެ ރައްޔިތަކު ދެވަނަ ޕާސްޕޯޓެއް ހޯދަން އުޅެނީ ކީއްވެގެން ހެއްޔެވެ؟ މިއީ އިޒްރޭލުގެ ތަޖުރިބާކާރު ނުސްވެރިޔާ ގީޑޯން ލީވީ، އިނގިރޭސވިލާތުގެ މިޑްލްއީސްޓް އައިގައި ލިޔުއްވި މަޒްމޫނެއްގައި ކުރައްވާފައިވާ ސުއާލެކެވެ. އޭނާ ވިދާޅުވީ އިޒްރޭލަށް މުސްތަގްބަލުގައި ވާނެ ގޮތެއް ނުވަތަ އިޒޒްރޭލު މިސްރާބު ޖަހާފައިވާ ދިމާ އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ސާފެއް ނޫން ކަމަށެވެ. ކޮންމެ މީހަކުވެސް ހޭބޯ ނާރައި އުޅެނީ ދެވަނަ ޕާސްޕޯޓެއްގެ ފަހަތުން ކަމަށް ވިދާޅުވިއެވެ.

ލީވީ ވިދާޅުވީ، އިޒްރޭލުގެ ސިޔާސީ މައިދާނުގެ ކަނާތުން ވާތަށް އަދި މެދުތެރޭގެ ފިކުރުގެ މީހަކާ ސުއާލު ކޮށްފިނަމަ، ނުވަތަ އިޒްރޭލުގެ އެއްވެސް ސިޔާސީ މީހަކާ ނުވަތަ އެއްވެސް ނޫސްވެރިޔަކާ ނުވަތަ ސައިންޓިސްޓަކާ އިޒްރޭލު މިސްރާބު ޖަހާފައިވާ ދިމާއާ މެދު ސުއާލު ކޮށްފިނަމަ ޖަވާބެއް ނުދެވޭނެއެވެ. އެންމެންވެސް ތިބެނީ ކުރިމަތި ވެދާނެ ކާރިސާއަކަށް ބިރުން ކަމުގައި ލިޔުއްވައެވެ.

ލިޔުންތެރިޔާ ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މީހުން މިފަދަ ސުވާލުތައް ހިތަކަށް ނާރުވައެވެ. އެއީ މުއްސަނދި ޖަރުމަނު، ނުވަތަ އަލްބޭނިއާ، ނުވަތަ ފަގީރު ޓޯގޯ، ޗާޑް ނުވަތަ އެހެން ތަނެއްގައި ވެސް މީހުން މިފަދަ ބިރުވެރި ކަމެއްގައި މި ފަދަ ސުއާލުތައް ކޮށެއް ނަހަދައެވެ.

އެކަމަކު މިއީ އިޒްރޭލުގައި އަބަދުވެސް ކުރެވޭ ސުއާލެކެވެ! އޭނާ ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުން އަންނަ ސަރަހައްދީ ބާރެއްގެ ގޮތުގައި އިޒްރޭލު އޮތް ނަމަވެސް، އަދި އިޒްރޭލަކީ ހުޅަނގުން ލޮއްސައިގެން އުޅޭ ސަރަހައްދީ ކުއްޖާ ވިއަސް ކޮންމެވެސް ގައުމަކުން ދެވަނަ ޕާސްޕޯޓެއް ލިބޭތޯ އިޒްރޭލުގެ ކޮންމެ މީހަކުވެސް އުޅޭނެއެވެ.

މިހެން ހޯދާއިރު ވަހި ގައުމެއްގެ ޕާސްޕޯޓް ތޯ އިޒްރޭލު މީހާއަށް މުހިންމު ނޫން ކަމަށާއި އެއީ ޕޯޗުގީޒު ޕާސްޕޯޓަކަށް ވިއަސް ނުވަތަ ލިތުއޭނިއާ ޕާސްޕޯޓެއް ކަމުގައި ވިޔަސް، އެމީހާ ބޭނުންވާ މައިގަނޑު ކަމަކީ އިޒްރޭލުގެ ޕާސްޕޯޓެއް ނޫން އެހެން ޕާސްޕޯޓެއް އަތުގައި އޮތުމަށެވެ.

އަދި އަމިއްލަ މީހާއަށާއި ދަރިންނަށްވެސް ދެވަނަ ޕާސްޕޯޓެއް ހޯދުމަށް އެންމެން ބުރަކޮށް އުޅޭކަމަށް ލެވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓަކީ އޭގެ މުއްދަތު ހަމަވާ ތާރީހާ ކައިރިވަމުން އަންނަ ވަގުތީ ހުއްދައެއް ހެން ހީވާ ކަހަލަ ގޮތަކަށް އެންމެން ބަދަލުގައި އެހެން އެއްޗެއް ހޯދާފައި ބާއްވަން މަސައްކަތް ކުރާ ފަދައެވެ.