ލޯތްބަކީ ހިތުގައި އުފެދޭ ޖަޒުބާތެކެވެ. އިހުސާސެކެވެ. މި ޖަޒުބާތަކީ ވަކި އުމުރެއްގައި އުފެދި އުތުރި އަރައި ބަންޑުންވާ އެއްޗެއްނޫނެވެ. އިންސާނާގެ ޙަޔާތުގެ ހުރިހާ އުމުރެއްގައިވެސް މި އިހުސާސް ކުރެވެއެވެ.

އުފަންވީއްސުރެ ނުވަތަ މައިމީހާގެ ބަނޑުގައި ގަރުބަ ގަތީއްސުރެ މި ދުނިޔެއާއި ޢަލްވަދާޢު ކިޔަންދެން ކޮންމެ އިންސާނަކަށްވެސް ލޯބި ބޭނުންވާނެއެވެ. އެހެންނަމަވެސް އުމުރުން ދުވަސްވުމުން ގިނަ މީހުނަށް މި ލޯބިން މަހުރޫމް ވާން ޖެހެއެވެ. ބައެއްފަހަރު އަނބިންގެ ފަރާތުން އެލޯބި ނުލިބުމުންނެވެ. އަނެއްބައިފަހަރު ފިރިން އަނބިންނަށް ދޭންވާ ލޯބާއި އޯގާތެރިކަމުން މަހުރޫމް ކުރުމުންނެވެ.

އާންމުގޮތެއްގައި ދިވެހި މުޖުތަމަޢުން ފެންނަނީ ދަރިންލިބި، އެދަރިން ބޮޑެތިވެ، ކާފަ، މާމަ ވުމުން ދެމަފިރިން ދުރުވާތަނެވެ. ގުޅުން ހީނަރުވާތަނެވެ. ދެމަފިރިން އެކުގައި ހޭދަކުރަމުންދިޔަ ވުގުތުތަކަށް ނިމުން އަންނަތަނެވެ. މިހެންވަނީ ގިނަ ފަހަރަށް އަނބިމީހާ މާމަދަރީންގެ ކަންކަމުގައި މަސްޢޫލު ވުމުންނެވެ. ނުވަތަ މާމަ ދަރިން ބެލުމަށްޓަކައި ދިރިއުޅުންވެސް އެހެން ރަށަކަށް ބަދަލު ކޮށް، ފިރިމީހާ އާއި ވަކީން އުޅޭން ފެށުމުންނެވެ.

އުމުރުން ދުވަސް ވުމުން ދެމަފިރީން ދެތަނެއްގައި އުޅުމަކީ އެކަމުން ގިނަ ފަހަރަށް ފިރިންނަށް ތަކުލީފުތަކެއް އުފުލަންޖެހޭ ކަމެކެވެ. ހިތްދަތި ދިރިއުޅުމެއްގައި ހަޔާތް ހޭދަކުރަންޖެހޭ ކަމެކެވެ.

ރަށެއްގައި އެކަނި ދިރިއުޅޭ އިސް ރަށްވެއްސަކާއި ވާހަކަ ދައްކާލީ އޭނާގެ އަނބިމީހާ މާލޭގައި އުޅޭކަން އެނގި ހުރެއެވެ. ނަން ހާމަ ނުކުރުމަށް އެދި އޭނާ ބުނީ އެއީ ވަރަށް ހިތްދަތި ދިރިއުޅުމެއްކަމުގައެވެ. އެހެންނަމަވެސް ދަރިން ވަޒީފާއަށް ފޮނުވުމަށްޓަކައި މާމަދަރިން ބެލުމަށް އަނބިމީހާ މާލޭގައި ހުންނަން ޖެހުނީ ކަމަށެވެ. އެހެނަސް މާލެއަކީ އޭނާ އަށް ދިރިއުޅެން ފަސޭހަ ތަނަކަށް ނުވާތީ މާލެ ދާން ބޭނުން ނުވާކަމަށެވެ. އަދި ދަރިފުޅު ދިރިއުޅެނީ 2 ކޮޓަރީގެ ކުޑަކުޑަ ތަންކޮޅެއްގައި ކަމުން ދަރިފުޅާއި އޭނާގެ ފިރިމީހާ، އަދި 4 ކާފަދަރިން އުޅޭ އިރު އެތަނުގައި ނިދާހެދުމަކީ ދަތި ކަމެއްކަމުގައިވެސް އޭނާ ބުންޏެވެ.

މިއީ މުޖުތަމަޢުގައި އުޅޭ ހުރިހާ ދަރިންވެސް ވިސްނަންވެއްޖެ ކަމެކެވެ. މައިންބަފައިން ދަރިންނަށް ތަރުބިއްޔަތު ދީ ހެދީ އެތައް ވަގުތުތަކެއް ގުރުބާން ކޮށްގެނެވެ. އެތަކެއްރެއެއްގެ ނިދީން މަހުރޫމް ވެގެންނެވެ. އެތައް ދަލެއް އޮހޮރުވައިގެންނެވެ. އެހެންކަމުން ތިމާއަށް ދަރިން ލިބުމުން އަނެއްކާ އެދަރިން ބެލުމަށް މައިންބަފައިންނާ ހަވާލު ނުކުރާށެވެ. ދުވަސްވީ އެ މައިންބަފައިން ދެތަން ނުކުރާށެވެ. އެ ދެމަފިރިން އެކީގައި ވަގުތުހޭދަކުރުމަށް ބާރު އަޅާށެވެ. އެކަމަށް މަގުފަހިކޮށްދޭށެވެ.

އިންސާނީ ޙަޔާތުގެ ހުރިހާ އުމުރެއްގައިވެސް އަޅާލުމާއި، ލޯތްބާއި، އޯގާތެރިކަން ބޭނުންވެއެވެ. ރަހުމާއި ކުލުނު ބޭނުންވެއެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވުމުން މި އޯގާތެރިކަން އިތުރަށް ދޭންޖެހެއެވެ. ޒުވާން އުމުރުގައި ބުރަ މަސައްކަތް ލޯބޯ ކޮށިވެ މަސައްކަތްކުރާނެ ބާރު ހަށިގަނޑުގައި ނެތުމުން އެކަކު އަނެކަކާއި ފެއަށް ޖެހުމުގެ ބަދަލުގައި އެކަކު އަނެކަށް ހޭހަން ކޮށްދޭށެވެ. އެކަހެރިކޮށް، އެކަނިވެރިކޮށްނުލާށެވެ. ޅަދުވަސް ފަދައިން ލޯބިން ދެމީހުން އެކުގައި ޙަޔާތުގެ ދުވަސްތައް ހޭދަކުރުވޭތޯ ބަލާށެވެ.