ކްރިސްޓީއާނޯ ރޮނާލްޑޯއަށް ހާއްސަ ގޮތެއް ނުބަހައްޓާ ކަމަށާއި އެކަމަކު އޭނާއަކީ އެހެން ކުޅުންތެރިންނަށް ހުރި ނަމޫނާއެއް ކަމަށް ބުނެ ޔުވެންޓަސްގެ ކޯޗް އަންދްރޭ ޕިރްލޯ ރޮނާލްޑޯއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފިއެވެ.

މިސީޒަނުގައި ޔުވެންޓަސްގެ ކޯޗްކަމުގެ މަގާމާއި ހަވާލުވި ޕިރްލޯ ބުނީ އޭނާ ފުޓްބޯޅަ ކުޅުނު ދުވަސްވަރުވެސް އެކީގައި ކުޅުނު ކުޅުންތެރިންނާއިމެދު އަމަލު ކޮށްފައިވާނީ އެއްއުސޫލަކުން ކަމަށާއި ކޯޗެއްގެ ގޮތުގައިވެސް ދަމަހައްޓަމުން އަންނަނީ އެއުސޫލު ކަމަށެވެ.

"ރޮނާލްޑޯއާމެދު އަހަރެން އަމަލު ކުރަނީ ޗެމްޕިއަނެއްގެ ގޮތުގައި. އެއީ ޓީމުގައި ތިބި ޒުވާން ދެކުޅުންތެރިން ކަމުގައިވާ ފެރަބޮއްޓާ އާއި ޕޯޓަނޮވާއާވެސް އަހަރެން އަމަލުކުރާ ގޮތް" އެއްވެސް ކުޅުންތެރިޔަކަށް ތަފާތު ނުކުރާކަން ހާމަ ކުރަމުން ޕިރްލޯ ބުންޏެވެ.

"އެކަމަކު ރޮނާލްޑޯ ޔުވެންޓަސްގައި ހުރުމަކީ އަހަރެމެންގެ ނަސީބު. ބުނެވިދާނެ ޒުވާންކޮށް އަދިވެސް ރޮނާލްޑޯ ހުރުމަކީ އަހަރެމެންގެ ނަސީބުކަމަށް. ޓްރެއިންތަކުގަޔާއި މެޗުތަކުގައި ރޮނާލްޑޯގެ ފަރާތުން ތަފާތު ފެނޭ. އޭނާއަކީ އެހެން ކުޅުންތެރިންނަށް ވަރަށް ފުރިހަމަ ނަމޫނާއެއް" އިޓަލީ ގައުމީ ޓީމާއެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ކުރީގެ ހުނަރުވެރި ޕްލޭމޭކަރ ޕިރްލޯ ބުންޏެވެ.

ކޮވިޑަށް ޕޮޒިޓިވްވެ ދެހަފްތާއެއް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހި އިޓަލީއަން ސީރިއޭގައި ރޮނާލްޑޯއަށް ހަތަރު މެޗް ގެއްލުނެވެ. އެކަމަކު 8 ލަނޑާއެކު ލަނޑު ލިސްޓުގެ ކުރީގައި އަދިވެސް އޮތީ ރޮނާލްޑޯއެވެ. ލީގުގައ އެންމެފަހުން ޔުވެޓަސް ކަގްލިއާރީ އަތުން 2-0 އިން މޮޅުވި މެޗުގައި ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ.

ޗެމްޕިއަންސް ލީގް ގްރޫޕް ޖީގައި މިރޭ ފެރެންކްވަރޮސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗާ ގުޅޭ ގޮތުން ޕިރްލޯ ބުނީ މެޗް ފަސޭހަކޮށް ނުލާނެކަމަށެވެ. "ޗެމްޕިއަންސް ލީގުގައި އާދައިގެ މެޗެއް ނޯންނާނެ. އަހަރެމެން ކުޅޭނީ އިދިކޮޅު ޓީމަށް ފުރިހަމަ އިހްތިރާމް ދިނުމާއެކު މޮޅެއް ހޯދުމަށް" ކުޅުންތެރިއެއްގެ ގޮތުގައި އޭސީ މިލާނާއެކު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާ ޕިރްލޯ ބުންޏެވެ.