ނާބުލުސްގައި ހުންނަ ޔޫސުފްގެ މަހާނަ ކައިރީގައި ހިނގި ކުރިމަތިލުންތަކުގައި ޒަޚަމްވި މީހުންގެ އަދަދު 77 އަށް އަރާފައިވާ ކަމަށް މީޑިއާ އިން ރިޕޯޓް ކުރެއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައ އިޒްރޭލުގެ ޒަޔަނިސްޓް ސިފައިން ވަނީ މާ ބަނޑު މީހަކު ގޮވައިގެން ހަސްފަތާލަށް ދިޔަ އެމްބިއުލޭންސަކަށްވެސް ގޭސް ބޮމުން ހަމަލަ ދީފައެވެ.

ނާބުލުސްގެ އިރުމަތީގައި އޮންނަ ބަލާޠާ ރެފިއުޖީ ކޭމްޕާއި އިރުމަތީ ނާބުލުސްގެ އެހެން އެތައް ސަރަހައްދެއްގައި އިޒްރޭލު ސިފައިންނާއި ފަލސްތީނު މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ކުރިމަތިލުންތައް ފެށުނީ، ފަލަސްތީނު ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ޔޫސުފްގެ މަގްބަރާގައި ޔަހޫދީން ތަލްދޫމު ކިޔުމަށް ގެނައުމަށްޓަކައި ޔަހޫދީ ވަޒަންވެރިން ގޮވައިގެން އިޒްރޭލު ސިފައިން ބަސްތަކެއްގައި އެމީހުން ވައްދަން އުޅުމުންނެވެ.

ޔަހޫދީން ގަބޫލު ކުރާ ގޮތުގައި މިއީ ޔޫސުފްގެފާނުގެ މަހާނައެވެ. ނަމަވެސް ފަލަސްތީނު މީހުން ބުނަނީ މިއީ 200 އަހަރުވެފައިވާ މަހާނައެއް ކަމަށާއި އެތާގައި ވަޅުލާފައިވާ މީހާއަކީ ޔޫސުފު ދުކައިތު ކިޔާ މުސްލިމެއް ކަމަށެވެ.