އދއަށް ކަނޑައަޅާފައި ހުންނަވާ އަޔަލެންޑްގެ ދާއިމީ މަންދޫބު ގެ ގޮވާލެއްވުމަކަށް މީޑިއާގެ މިނިވަންކަމުގެ ހާލަތާއި އަލްޖަޒީރާގެ ރިޕޯޓަރު ޝިރީން އަބޫ އަޤްލާ ޝަހީދު ކޮށްލި މައސަލަ ބަހުސް ކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ނުރަސްމީ ބައްދަލުވުމއް ބާއްވައިފިއެވެ.

އެމެރިކާގެ ދެ އެޖެންސީ ކަމަށްވާ، އެސޯސިއޭޓެޑް ޕްރެސް އާއި ސީއެންއެން އިން ހިންގި ދެ ތަޙުގީގަކުންވެސް ސާބިތު ވެފައި ވަނީ ޝީރީން ޝަހީދު ކޮށްލާފައި ވަނީ އިޒްރޭލު ސިފައިން ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި، އދގެ ސަލާމަތީ މަޖިލީހަށް ކަނޑައަޅާފައި ހުންނަވާ އައިރިޝް އެމްބަސެޑަރ ވިދާޅުވީ، އަލްޖަޒީރާގެ މުރާސިލު ޝީރީން ޝަހީދު ކޮށްލި ހާދިސާއަށް އެ މަޖިލީހުން ވަގުތުން އިޖާބަ ނުދިނުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ.

އޭނާ ވިދާޅުވީ ނޫސްވެރިން ހިމާޔަތް ކުރުމުގެ މައްސަލައަކީ، ސަލާމަތީ މަޖިލީހުގެ އެޖެންޑާގެ އެންމެ ކުރީ ގައި އޮންނަން ވާނެ މައްސަލައެއް ކަމަށެވެ. އަދި ނޫސްވެރިންގެ ހިމާޔަތުގައި ސަލާމަތީ މަޖިލީހުގެ ވާޖިބެއް އަދި ޒިންމާއެއް އޮތްކަން އޭނާ ފާހަގަ ކރެއްވިއެވެ.

މި ޖަލްސާގައި އަލްޖަޒީރާގެ ވޮޝިންޓަން ބިއުރޯގެ ވެރިޔާ އަބްދުލް ރަހީމް ވަނީ ޝީރީން ޝަހީދު ކޮށްލި ހާދިސާއާ ގޮތުން ކައުންސިލަށް މައުލޫމާތު ދެއްވާފައެވެ.

ޤަތަރުގެ އަމީރު ޝެއިޚު ޙަމަދާއި އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ބައްދަލުވުމުގައިވެސް ޝީރީންގެ މަރާ ބެހޭ ގޮތުން ބަހުސް ކުރެވުނެވެ. އަދި ދެ ފުށް ފެންނަ ތަހުގީގެއް ސަލާމަތީ މަޖިލީހުން ހިންގުމަށް ދެ ބޭފުޅުން ގޮވައި ލެއްވިއެވެ.

ފަލަސްތީނުން ވަނީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް މި މައްސަލަ ވައްދާފައެވެ. އެމެރިކާއިން ބުނެފައި ވަނީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަކީ މި މައްސަލަ ބެލުމަށް އެންމެ މުނާސިބު ތަނެއް ނޫން ކަމަށެވެ.