ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރިއަރ އެޑްމިރަލް އެސް އެމް އަބްދުލް ކަލާމް އާޒާދާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ ތަރައްޤީގައި، އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގައި އަދިވެސް މަސައްކަތްތައް ކުރަންހުރިކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ޤަވާޢިދުގެ ތެރެއަށް ވެއްދުމަށް ކުރިޔަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމާ ބެހޭގޮތުންނާއި އަދި ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް އިތުރުވަމުން އަންނައިރު މުސްތަޤްބަލުގައި އިތުރު މަސައްކަތްތެރިންނަށް ބޭނުންވާނެކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ވިޔަފާރިއާއި، ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން ހުރި ފުރުޞަތުތައްފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފަ އެވެ.