ޗައިނާގެ ޝިންޖިއާންގައި މުސްލިމުން ކޭމްޕްތަކުގައި ބަންދު ކޮށްގެން އުޅޭކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ތުހުމަތު ކުރުމުން ޗައިނާއިން އެކަމަށް އިންކާރު ކުރެއެވެ. ނަމަވެސް ޗައިނާގެ ޝިންޖިއާންގެ ޕޮލިސް ކޮމްޕިއުޓަރުތަކާއި ޑޭޓާބޭސް ހެކް ކުރުމަށްފަހު ފާއްދާލާފައިވާ ޑޭޓާ ވަނީ ބައިނަލްއަގްވާމީ ނޫސްވެރިންގެ ޖަމާއަތަކުން ތަހުގީގު ކޮށްފައެވެ.
މިޑޭޓާއަކީ ގިނަ އަދަދެއްގެ ތަފާތު ވައްތަރުގެ މައުލޫމާތު ހިމެނޭ ފައިލްތަކެކެވެ. މީގެ ތެރޭގައި ބަންދުކޮށްފައިވާ މުސްލުމުންގެ ނަމާއި ޒާތީ މައުލޫމާތާއި އެމީހުންގެ ފޮޓޯ ހިމެނެއެވެ.
ބައިނަލްއަގްވާމީ ނޫސްވެރިންގެ ޖަމާއަތުން ވަނީ ޗައިނާއިން ބޭރުގައި ފިލައިގެން ސިޔާސީ ހިމާޔަތުގައި ދިރިއުޅޭ އުއިގޫރު މސްލިމުން މެދުވެރިކޮށް މީގައި އައިސްފައިވާ ނަންތަކާ ބައެއް ފޮޓޯތައް ކަށަވަރުކޮށްފައެވެ.
އެމީހުންވެސް ޔަގީން ކޮށްދީފައިވާ ގޮތުގައި މި މީސްމީހުންނަކީ ޗައިނާގެ ކޮމިއުނިސްޓް ނިޒާމުގެ ތެރެއަށް ގެއްލިފައިވާ މީހުންނެވެ.
މީގައި ހިމެނޭ އެހެން މައުލޫމާތުގެ ތެރޭގައި މުސްލިމުން ބަންދުގައި ގެންގުޅޭ އިރު މުއާމަލާތު ކުރަންވީ ގޮތާއި ފިލައިގެން ދާން އުޅެފިނަމަ މަރާލަން ބަޑި ޖަހަން އަމުރުކޮށް ތައްޔާރުކޮށްފައިވާ އެސްއޯޕީ ހިމެނެއެވެ.
ފާއްދާލާފައިވާ މައުލޫމާތުގައި ހިމެނޭ ފޮޓޯތަކުންވެސް ފެންނާން ހުރި ގޮތުގައި ބޭސްފަރުވާއަށް މީހުން ފޮނުވާއިރު ހަތަރު ގާޑުންނާއެކު އަތުގައި ބިޑި އަޅުވައިގެން ފައިގައި ޖޭނު ޖަހައިގެން ގެންދަން އެސްއޯޕީގައި ބުނެއެވެ.
މި މައުލޫމާތު އެންމެ ފުރަތަމަ ފާއްދާލާފައި ވަނީ އެމެރިކާގެ ވޮޝިންޓަނުގައި އުއިގޫރު މުސްލިމުންގެ ނަސްލު ނައްތާލުމަށް ޗައިނާއިން ކުރާ މަސައްކަތް ޑޮކިއުމެންޓްކޮށް ރިސާޗް ކުރުމުގެ މަސައްކަތުގައި އުޅޭ އެޑްރިއެން ޑެންޒްއެވެ.
ފާއްދާލާފައިވާ ފައިލްތައް ދިރާސާ ކޮށްފައިވާ ނޫސްވެރިން ބުނާ ގޮތުން އުއިގޫރު މުސްލިމުން ނައްތާލުމަށް ޗައިނާގެ އެންމެ މަތިން ދީފައިވާ އޯޑަރުތައް ވެސް ފެންނާން އެބަހުއްޓެވެ.
ޗައިނާގެ ރައީސް ޝީޖިންގޕިން ވެރިކަމަށް ވަޑައިގަތް ފަހުން މުސްލިމުންނާއި އިސްލާމީ ސަގާފަތާ ދެކޮޅަށް ހަރުކށި ސިޔާސަތުތަކެއް ފެއްޓެވިއެވެ.
ކުރިން ޗައިނާގައި މުސްލިމު ކާނާ ވިއްކާ ތަންތާނގައި އަރަބި އަކުރުން ހަލާލު އެބަސް ޖަހާފައި ހުންނަ ހުރުން މަނާކުރިއެވެ. އަދި މުސްލިމު ރެސްޓޯރެންޓްތަކާއި މުސްލިމު ވިޔަފާރި ތަކުގައި އަރަބި އަކުރު ބޭނުންކޮށްގެން އުއިގޫރު ބަހުން ނަން ލިޔުމުގެ ޒަމާންވީ އާދަ ބަދަލުކޮށް އަރަބި އަކުރުން ލިޔުމަކީ މަނާކަމެއް ކަމުގައި ކަނޑައެޅިއެވެ.
މިސްކިތްތަކުގެ ގުއްބުތަކާއި މުންނާރުތަކުން އިސްލާމީ ވަންތަކަން ފިލުވައި ޗައިނާ ކޮމިއުނިސްޓް ވަންތަކަށް ބަދަލުކުރިއެވެ. މިސްކިތްތަކުގައި ކޮމިއުނިސްޓް ދިދައާއި ޗައިނާ ބޮޑު މީހާގެ ފޮޓޯ ބެހެއްޓުން މަޖުބޫރު ކުރިއެވެ.
ޝިންޖިއާން ނުވަތަ ކުރީގެ އިރުމަތީ ތުރިކިސްތާނަކީ ގިނަ އަދަދަކަށް ވަލީވެރިންގެ ޒިޔާރަތްތައް ހުރި ސަރަހައްދެކެވެ. އެޒިޔާރަތްތައް ތަޅާލެވި، މުސްލިމުންގެ ގަބުރަސްތާންތައް އެއްވަރުކޮށް މަހާނަތައް ބިމާ އެއްވަރު ކޮށްފައި ވެއެވ
މުސްލިމުންނާ ދެކޮޅަށް ކޮމިއުނިސްޓް ސަރުކާރުން އަޅާ ފިޔަވަޅުތަކުން ޗައިނާއިން ނަސްލު ނައްތާލުމަށް ސީރިއަސް މަސައްކަތެއް ކުރާކަމަށް ބުނެ ހުޅަނގުގެ ޕާލަމެންޓްތަކުން ގަރާރުތައް ފާސްކޮށްފައި ވެއެވެ.
މި ސައިޓަކީ މަލްޓިމީޑިއާއަށް ފަރުމާ ކޮށްފައިވާ ސައިޓެއް ނޫން ކަމުން ފާއްދާލާފައިވާ މަޝްހުރު "ޝިންޖިއާން ފައިލް"ގައި ހިމެނޭ މުހިންމު މަލްޓިމީޑިއާ ފައިލްތައް ގެނަަސްދީފައި ނުވާކލަން ފާހަގަ ކުރަމެވެ.