ޓެރަރިޒަމަކީ ސިޔާސީ ހަރަކާތެއް ކަމަށާއި އަދި އެއީ ދީނާ ގުޅުން ހުރި ކަމެއް ނޫންކަމަށް އަލްއަޒްހަރުގެ އިމްމުލްއަކްބަރު ޑރ. އަޙްމަދު އަލްތައްޔިބު ވިދާޅުވެއެވެ. އިމާމުލްއަކްބަރު މި މޭރުމުން ވާހަކަ ދެއްކެވީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ކުރާ މަސައްކަތުގައި ތަޖުރިބާ ބަދަލުކުރުމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ރޯޔަލް ކޮލެޖް އޮފް ޑިފެންސް ސްޓަޑީޒްގެ ވަފުދަކުން ކުރި ޒިޔާރަތުގައި އެވަފްދުގެ ބޭފުޅުންނާ ވާހަކަ ދައްކަވަމުންނެވެ.

ޑރ. އަޙުމަދު އައްޠައްޔިބު ވިދާޅުވީ ޓެރަރިޒަމަކީ، ހުޅަނގުގެ ބައެއް ސިޔާސީ ވެރިކަންތަކުން އުފައްދައި ދުނިޔެއަށް އެކްސްޕޯޓްކޮށްފައިވާ ފިކުރެއް ކަމަށާއި މިއީ ޔަހޫދީ ދީނާއި ކްރިސްޓިއަނިޓީ އާއި އިސްލާމް ދީނާއި ގުޅުވައިގެން ވަރަށް އުދަގޫ ފައިދާތަކެއް ހޯދުމުގެ އެޖެންޑާއެއްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

އިމާމުލް އަކްބަރު ވިދާޅުވީ އެއްހާސް އަހަރު ވެފައިވާ އަޒުހަރު ޔުނިވަރސިޓީން ވަނީ ޒަމާނީ ޙަޤީޤަތްތަކަށް އިޖާބަދީ، ކުރިއަރަމުން އަންނަ ވިސްނުންތަކަށް ފަހިވާ ގޮތަށް މަންހަޖު ބަދަލުކޮށްފައެވެ. އަދި ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ދިއުމާއި ދެކޮޅަށް މަސައްކަތްކުރުމާއި، ދާރުލް އިސްލާމް އާއި ދާރުލް ހާރުބްގެ ހަރުކަށި ވިސްނުމާއި، އެހެން ދީންތަކުގެ މީހުންނާ މުސްލިމުންނާ އޮންނަ ގުޅުމާއި، ދެކޮޅުވެރިކަމާއި ނަފްރަތާއި، ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުން މީހުންގެ ނާޖާއިޒު ބޭނުން ހިފުން ފަދަ ކަންތައްތަކާ ކެރިގެން ކުރިމަތިލައިފައެވެ. އަދި ދީނުގެ ކަންކަން ނުބައިކޮށް މާނަކުރާ ކަންކަމާއި އެހެނިހެން މައުޟޫއުތަކާއި މައްސަލަތައް އަޒުހަރުން ސާފުކޮށްދެމުންދާ ކަމަށާއި ސައިންޓިފިކް ވިސްނުމަކުން ފިކުރުތައް ބައްޓަން ކުރުމަށް މަސައްކަތްތަކެއް ރާވައިގެން ހިންގައި ކުރިއަށް ގެންދެވޭ ކަމަށެވެ.

ޑރ. ޠައްޔިބު ވިދާޅުވީ މިސްރުގެ ޤިބްޠީންގެ ފައްޅިއަށް ދިން ހަމަލާއަށް ފަހު އަޒުހަރުން ވާނީ "ފެމިލީ ހައުސް"ގެ ނަމުން މުސްލިމުންނާއި ކްރިސްޓިއަނުންގެ ގުޅުމަށް އަސަރުކުރާ ފަދަ މުޖުތަމަޢުގައި ހުރި މައްސަލަތަކާ މެދު އެއް މާހައުލެއްގައި ތިބެގެން ޢިލްމީ ގޮތުން ބަހުސްކުރުމަށް މެތަޑޮލޮޖީއެއް އެކުލަވާލާފައެވެ.

އޭނާ ވިދާޅުވީ ފެމިލީ ހައުސްގެ މި މަޝްރޫޢަށް ފަހު، މެދުއިރުމައްޗާއި ހުޅަނގުގެ ދީނީ މުއައްސަސާތައް ކަމަށްވާ މެދުއިރުމައްޗާއި ހުޅަނގުގެ ދީނީ މުއައްސަސާތައް މަޝްވަރާއަށް ހުޅުވާލެވި، އިރުމަތީ ބިތުގެ ފައްޅިތަކާއި ވެޓިކަންގެ ޕޯޕްއާއެކު ދުނިޔޭގެ އިންސާނީ އުޚުއްވަތްތެރިކަމުގެ ޑޮކިއުމެންޓެއްގައި ސޮއިކުރެއްވުމުގެ މަޤްޞަދުގައި، ތަފާތު ދީންތަކުގެ މީހުންގެ މެދުގައި ނަފްރަތާއި، އަދާވާތްތެރިކަން ފޮހެލުމަށް ގުޅިގެން މަސައްކަތް ކުރުމަށް މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ.

އަދި ބައެއް ފަރާތްތަކުން އަބްރަހަމިކް ފެއިތުގެ ނަމުގައި އިބްރާހީ ދީނެއްގެ ގޮތުގައި އެއް ދީނެއް އެކުލަވާލުމަށް ވާހަކަ ދައްކާ ކަމަށް ވިދާޅުވެ ޑރ. ތައްޔިބު ވިދާޅުވީ މިއީ ދީނީ މިނިވަން ނަގާލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި ހުރިހައި އިންސާނުން އެއް ދީނެއްގެ މަތީގައި ތިބުމަކީ މުސްތަހީލު ކަމެއް ކަމަށެވެ.