އީރާނުން ހަދާފައިވާ ބިމު އަޑީގައި ހުންނަ ސިއްރު އަސްކަރީ މަރުކަޒަކަށް އީރާންގެ ސިފައިންގެ ވެރިޔާ މޭޖަރ ޖެނެރަލް މުހަންމަދު ބަޣްރީ، ކުރެއްވި ދަތުރުފުޅާ ބެހޭ ރިޕޯޓެއް އީރާނުގެ ޓީވީތަކުން ބްރޯޑްކާސްޓް ކޮށްފިއެވެ.
މި ސިއްރު އަސްކަރީ މަރުކަޒަކީ އެތައް ސަތޭކަ މީޓަރު ބިމު އަޑީގައި ޒަގްރޯސް ފަރުބަދަމަތީ ސަރަހައްދެއްގެ ހިސާބެއްހައި ހަދާފައިވާ ބޭސްއެއް ކަމަށް ވެއެވެ. މި ބޭސްގައި 100 އަށް ވުރެ ގިނަ ހަނގުރާމަ މަތީ ޑްރޯން އާއި ޖާސޫސީ މައުލޫމާތު އެއްކުރުމަށް ސަވައިލެންސް ބޭނުމަށް އުދުއްސާ އެއާކްރާފްޓް ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އާމީ ކޮމާންޑަރު މޭޖާ ޖެނެރަލް އަބްދުލް ރަހީމް އަލް މޫސަވީ ވިދާޅުވީ ފަނާކޮށްލަނިވި ބާރުގަދަ ކަމާއެކު މި ޑްރޯންތައް ތައްޔާރުކޮށްފައި ވާނެ ކަމަށާއި އަދި އީރާނަކީ މެދުއިރުމަތީގައި ޑްރޯންގައި އެންމެ ބޮޑު ބާރު ކަމަށެވެ.
އަދި ތަފާތު އޮޕަރޭޝަންތަކުގައި އީރާނަށް ތަފާތު ވައްތަރުގެ ޑްރޯން ބޭނުން ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ކަމަށްވެސް ވިދާޅުވިއެވެ.
އީރާނުން ވަނީ އެގައުމުން އުފައްދާފައިވާ ކުރޫޒް މިސައިލް އުފުލާ ހައިދަރު 2 ޑްރޯން މަތިން ދާބޯޓުވެސް ދައްކާލާފައެވެ. މި ބޯޓުގައި އުފުލާ މިސައިލަކީ ހައިދަރު 1 އެވެ.