މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައިގެ ތުހުމަތުގައި ވިލިމާލެ ހޮސްޕިޓަލްގެ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި އެވެ.
ވިލިމާލެ ހޮސްޕިޓަލްގައި ކުދިންތަކެއްގެ ގަޔަށް ޖަހާފައިވަނީ މިދިޔަ ޖެނުއަރީ މަހަށް މުއްދަތު ހަމަވެފައިވާ އެމްއާރު ވެކްސިނާއި ބީއޯޕީވީ ވެކްސިނެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކާ ހަވާލާދީ މީޑއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހުމުގެ ތުހުމަތުގައި މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ މުވައްޒަފުންނެއް ކަމެއް ނުބުނެ އެވެ.
އައިޖީއެމްއެޗް އިން މިމައްސަލައިގައި ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ވިލިމާލެ ހޮސްޕިޓަލްގައި ތުއްތު ކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލާއި އެޗްޕީއޭ އިން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިމައްސަލަ ފެންމަތިވުމާ ގުޅިގެން ވިލިމާލެ ހޮސްޕިޓަލްގައި ވެކްސިން ޖެހުން ވަގުތީ ގޮތުން މިހާރު ވަނީ ހުއްޓާލާފަ އެވެ.