އިސްލާމް ދީނަކީ ނުރުހުންތެރިކަމާއި ރުޅިވެރިކަމަށް ޖާގަދޭ ދީނެއް ނޫނެވެ.

އެއްދުވަހަކު، މީހަކު ކީރިތި ރަސޫލާ ﷺ ގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ތިމަންނާއަށް ވަޞިއްޔަތް ކުރައްވާށެވެ! އެހިނދު ޙަދީޘްކުރެއްވިއެވެ. "لاَ تَغْضَبْ" (ތިބާ ރުޅި ނާންނާށެވެ!). އަދި މި ބަސްފުޅު އެތައް ފަހަރެއްގެ މަތިން ތަކުރާރު ކުރެއްވިއެވެ.

ވަރަށް ގިނަ ފަހަރަށް، މީސްތަކުންގެ މެދުގައި ނުރުހުންތެރިކަމާއި ރުޅިވެރިކަން އުފެދެނީ ތަފާތު ސަބަބުތައް މެދުވެރިވެގެންނެވެ. އޭގެތެރެއިން ބައެއް ސަބަބު ތިރީގައި މި ވަނީއެވެ.

1- ހީއެއްގެ މައްޗަށް ދޮގު އިލްޒާމު، ތިމާގެ އަޚާގެ ބޮލުގައި އެޅުވުން؛

2- އެކަކު އަނެކަކަށް ޖާސޫސުކުރުން؛

3- ޣީބަ ބުނުން؛

މި ތިން ކަންތައްވެސް މަނާކުރައްވާފައިވަނީ، ޙުޖްރާތު ސޫރަތުގެ 12 ވަނަ އާޔަތުގައެވެ.

4- ކުރެވޭ މުޢާމަލާތުތަކުގައި ޢަދުލުވެރިކަން ނެތުން؛

މާތް ﷲ ގެ ވަޙީބަސްފުޅެއްގެ މާނާގައި ވެއެވެ. [އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! އެގޮތް ތަޤްވާވެރިކަމާ ގާތްކަން ބޮޑެވެ.]

5- ސިއްރުތައް ބޭޒާރުކުރުން:

ބުޚާރީއާއި މުސްލިމް ރިވާކުރެއްވި ހަދީޘެއްގެ މާނާގައި ވެއެވެ. [މުސްލިމެއްގެ ސިއްރު ފޮރުވައިފި މީހާގެ ސިއްރު، ޤިޔާމަތްދުވަހު، ﷲ ތަޢާލާ ފޮރުއްވައިދެއްވާހުއްޓެވެ.]

6- ދޮގުހެދުން:

ދޮގުހެދުމަކީ، މުއުމިނުންގެ ސިފައެއް ނޫނެވެ. އެއީ މުނާފިޤުންގެ ސިފައެކެވެ. ބުޚާރީގެ ޙަދީޘެއްގެ މާނާގައި ވެއެވެ. [މުނާފިޤުންގެ ޢަލާމަތްތައް ތިނެކެވެ. އެއީ، ވާހަކައެއް ދައްކައިފިނަމަ ދޮގު ހެދުމާއި، ވަޢްދެއް ކޮށްފިނަމަ އެއާ ޚިލާފުވުމާއި، އަމާނާތެއް ޙަވާލުކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރި ވުމެވެ.]

7- އަނިޔާވެރިވުން:

މުސްލިމްގެ ރިވާޔަތެއްގައި އައިސްފައިވާ ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅެއްގެ މަނާގައި ވެއެވެ. [ތިޔަބައިމީހުން އަނިޔަވެރިކަމާ ދުރުވާށެވެ! އެހެނީ އަނިޔާވެރިކަން ވާހުށީ ޤިޔާމަތްދުވަހު، އަނދިރިކަމަކަށެވެ.]

8- ދެބައޮޑުވުމާއި ފުރައްސާރަ ކުރުމާއި މަލާމާތް ކުރުން؛

ޙުޖްރާތު ސޫރަތުގެ 11 ވަނަ އާޔަތުގެ މާނާގައި ވެއެވެ. [އޭ، އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ.]

9- ޚިޔާނާތްތެރިވުން:

މިއީވެސް މުނާފިޤުންގެ ސިފައެއްކަމަށް، ޙަދީޘުގައި އައިސްފައި ވެއެވެ.

އަޅުގަނޑު ދެކޭ ގޮތުގައި، [ރުޅި ނާންނާށެވެ!]، މި ޝިޢާރުގެ ދަށުން، ރުޅިވެރިކަން މުޖްތަމަޢުން ނައްތާލުމުގެ ޤައުމީ ކެމްޕޭނެއް ފެށުން މިއަދު މިވަނީ މުހިއްމު ވެފައެވެ. ސަބަބަކީ، ރުޅިވެރިކަން ނުވަންނަ އެއްވެސް ގެއެއް، އެއްވެސް އޮފީހެއް، އެއްވެސް މުއައްސަސާއެއް، އެއްވެސް ސްކޫލެއް، އެއްވެސް މިސްކިތެއް ނުވުމެވެ. އަދި އޭގެ ވިހަ، ނުފޯރާ އެއްވެސް ދިމާއެއް މުޖްތަމަޢުގައި ނެތުމެވެ. އަދި އަޅުގަނޑުމެންގެ މީޑިއާގެ އެކިއެކި ވަސީލަތްތައްވެސް ރުޅިވެރިކަމުގެ އަޑުން ގުގުމަމުން ދިއުމެވެ.