ކެޕްޓަން ލިއޮނަލް މެސީ ނުލައި ޔޫކްރައިނުގެ ޑައިނަމޯ ކިޔޭވް 4-0 އިން ބަލިކޮށް ބާސެލޯނާ އަދި ޔުވެންޓަސް އާއި ޗެލްސީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަ ބުރުން ރޭ ޖާގަ ހޯދައިފިއެވެ.
މެޗަށް ބާސެލޯނާއިން ނިކުތީ ގިނަ ބަދަލުތަކަކާ އެކުގައެވެ. އަނިޔާގެ ސަބަބުން ދެމަހެއްހައި ދުވަހު ކުޅުމާ ދުރުގައި ހުރި ފިލިޕް ކޫޓީނިއޯ ފުރަތަމަ އެގާރައިގައި ހިމަނިއިރު ސާޖިއޯ ބުސްކެޓަށް އަނިޔާވެފައިވާތީ އަދި ފްރޭންކް ޑިޖޯއަށް އަރާމް ކުރަން ފުރުސަތު ދީފައިވާތީ މެދު ތެރެއަށް ނެރެފައި ވަނީ ޕެޖަނިކާއި ޒުވާން މިޑްފީލްޑަރު ކާލޮސް އަލޭނާއެވެ. އެންޓޯނިއޯ ގްރީޒްމަންގެ ބަދަލުގައި ފޯވާޑް ލައިން ލީޑް ކުރުމުގެ ޒިއްމާ ހަވާލްކޮށްފައި އޮތީ ޑެންމާކުގެ ފޯވާޑް މާޓިން ބްރެއިތްވެއިޓަށެވެ. އޭނާގެ ފަހަތުން ކޫޓީނިއޯއާއެކު މަސައްކަތް ކުރަމުންދިޔައީ ޒުވާން ދެތަރިން ކަމުގައިވާ ޕެޑްރީ އާއި ޓްރިންކައޮއެވެ. ތަޖުރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭއަށް އަނިޔާވެވާތީ ލެންލެޓާއެކު ސެންޓަރަލް ޑިފެންސަށް ކުޅެފައިވަނީ ޒުވާން ޑިފެންޑަރު ގާސިއާއެވެ.
ބާސެލޯނާއިން ކިޔޭވް ކޮޅަށް ލަނޑުތައް ކާމިޔާބު ކުރީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މިސީޒަނުގައި އެޓީމާ ގުޅުނު އެމެރިކާގެ ޒުވާން ޑިފެންޑަރު ސާޖީނޯ ޑެސްޓެވެ. މިއީ ބާސެލޯނާގައި ޖާޒީގައި ޑެސްޓް ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. ބާސެލޯނާގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މާޓިން ބްރައިތްވެއިޓެވެ. ބާސެލޯނާގެ ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގްރީޒްމަންއެވެ.
މިއީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖެހިޖެހިގެން ބާސެލޯނާ ޖާގަ ހޯދި 17 ވަނަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.
ބާސެލޯނާއާއެކު ގްރޫޕް ޖީގައި ހިމެނޭ ޔުވެންޓަސް ދެވަނަ ބުރުން ޖާގަ ހޯދީ އަމިއްލަ ދަނޑުގައި ހަންގޭރީގެ ފެރެންކްވަރޮސް 2-0 އިން ބަލިކޮށްގެންނެވެ. ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ފެރެންކަރޮސްއިންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުވެންޓަސްއަށް އެއްވަރު ކޮށްދިނީ ރަނގަޅު ފޯމެއްގައި މިވަގުތު ހުރި ތަޖުރިބާކާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ފެރެންކަރޮސްގެ އޭރިޔާގެ ބޭރުން އުއްޑައެއްހެއް ފޮނުވާލި ހަމަލާއަކުން ރޮނާލްޑޯ ކާމިޔާބު ކުރި ވަރަށް ހިތްގައިމު ލަނޑެކެވެ. ޔުވެންޓަސް މެޗުން މޮޅުކޮށްދިން ލަނޑު އަލްވާރޯ މޮރާއްޓާ ކާމިޔާބު ކުރީ މެޗުގެ އިތުރު ވަގުތުގައެވެ.
ކޮންމެ ޓީމަކަށް ބާކީ ދެމެޗް އޮތްއިރު މިގްރޫޕުގެ އެއްވަނައިގައި ބާސެލޯނާ އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗްވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޔުވެންޓަސް އޮތީ 9 ޕޮއިންޓާއެކުއެވެ. ޔުވެންޓަސް ބަލިވެފައި ވަނީ ބާސެލޯނާ އަތުން އެކަންޏެވެ. ގްރޫޕް ސްޓޭޖުގައި ބާސެލޯނާއަށް ބާކީ އޮތީ އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް އަދި ރަށުން ބޭރުގައި ފެރެންކްވަރޮސްއާ ދެކޮޅަށް ކުޅެން މެޗެވެ.
ޗެލްސީ ދެވަނަ ބުރުން ޖާގަ ހޯދީ ރަށުން ބޭރުގައި ވަރަށް ވާދަވެރި ކުޅުމަކަށްފަހު ފްރާންސްގެ ރޭނިސްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ހަޑްސަން އޮޑޮއި ކާމިޔާބު ކުރި ލަނޑުން ޗެލްސީ މޮޅުވާން ދަނިކޮށް ރޭނިސްއިން އެއްވަރު ކުރީ މެޗުގެ 85 ވަނަ މިނެޓުގައި ގައިރައްސީގެ ލަނޑުންނެވެ. މެޗުން ޗެލްސީ މޮޅުވި ލަނޑު އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް އޮލިވަރ ޖިރޫޑެވެ.
ޗެލްސީގެ އިތުރުން މިގްރޫޕުގައި ހިމެނޭ ސެވިއްޔާވެސް ވަނީ ރޭ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. އެއީ ކްރަސްނޮނާޑާ 2-1 އިން ބަލިކޮށްގެންނެވެ. ޗެލްސީ އާއި ސެވިއްޔާއަށް 10 ޕޮއިންޓް ލިބިފައިވާއިރު ގްރޫޕުގެ އެއްވަނައިގައި ޗެލްސީ އޮތީ ފައިދާ 8 ލަނޑާއެކުއެވެ. ސެވިއްޔާއަށް އޮތީ ފައިދާ 3 ލަނޑެވެ.