އަޅުގަނޑު ކިޔަވަން މާލެ އައީ، 1968 ގައެވެ. ޕްރައިވެޓް ސްކޫލްތަކުގެތެރެއިން އޭރު އެންމެ ވިދަމުންދިޔަ ސްކޫލަކީ، އަލްމަދްރަސަތުލް ޢާލިޔާއެވެ. ކަން ދިމާވި ގޮތުން އަޅުގަނޑަށްވެސް ވަދެވުނީ އެ ސްކޫލަށެވެ. އެ ދުވަސްވަރު އެ ސްކޫލުގައި [ދަރިވަރު] ކިޔާ ނޫހެއް ނެރެއެވެ. އެ ނޫހުގެ ކޮންމެވެސް ޢަދަދެއްގައި ޝާއިޢު ކުރެވުނު ވަރަށް ރީތި ޅެމެކެވެ. ޅެން ހައްދަވާފައިވަނީ، އައްނަބީލް ޖަޢްފަރު ކަމާލުއްދީނެވެ. އޭގައިވަނީ، ބައްޕައަކު ދަރިއަކަށް ދެއްވާ ނަޞީޙަތްތަކެކެވެ. ޅެން ފައްޓަވާފައިވަނީ އަންނަނިވި ބައިތުތަކުންނެވެ.

[ދަރިފުޅާ ތިޔަ ފައިބަނީ މަންމަގެ އުނގުން ބިންމައްޗަށޭ؛ ފަރިވެ ފޮޅެމުން އަންނަ މާތައް ހުންނަނިވި ގުލްޒާރަށޭ.

ދަރިފުޅާއޭ އެންމެ ފުރަތަމަ ކޮލެޖަކީ މަންމަގެ އުނގޭ؛ ދަރިޔަކަށް ބައްޕަގެ ނަޞީހަތްތައް ވަނީވެސް ދަރުސަށޭ].

ދެން މި ލިޔެލަނީ، މި ޢިބްރަތްތެރި ޅެން ނިންމަވާލެއްވި ދެ ބައިތެވެ.

[އާދަމިއްޔަތު އައުރެ ށޭހޭ ޢިލްމުހޭ ކުޗު އައުރެ ށޭ؛ ލާކު ތޯތޭކޯ ޕަޅާޔާ، ޕިރް ވޯ ޙައިވާންހީ ރަހާ.

މާދަމާ ފެންނާނީ ކިހިނެއްކަން އެނގޭވީ ކާކުހޭ؛ އާދަތައް ދުނިޔޭގެ ހަމަޖެހިފައިވަނީވެސް މިގޮތަށޭ].

ފަހު ދެބައިތުގެ ތެރެއިން ފުރަތަމަ ބައިތަކީ، ދިވެހި އަކުރުން ލިޔުއްވާފާ އޮތަސް، އޮރުދޫ ބައިތެކެވެ. މިއީ ޝާޢިރު އަމިއްލަފުޅަށް ހެއްދެވި ބައިތެއްކަމެއް، ނުވަތަ އުރްދޫ ޅެމުގެތެރެއިން ވެއްދެވި ބައިތެއްކަމެއް ނޭނގެއެވެ. ޅެންބަހުރުވައިގެ ޤަވާޢިދުގެތެރޭގައި އެގޮތަށް، ވެއްދޭ ޤަވާޢިދު ހުންނާތީ ވެއްދެވީކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް މި ބައިތަކީ ވަރަށް މާނަފުން، އަދި އެހާމެ ޢިބްރަތްތެރި، އަދި މިއަދުގެ ޙާލަތާ ވަރަށް ބޮޑަށް ގުޅޭ ބައިތެކެވެ. ބައިތުގައި މި ވިދާޅުވަނީ، [އާދަމުގެދަރިވަންތަ ކަމަކީ ވަކި ކަމެކެވެ. ޢިލްމަކީ ވަކި އެއްޗެކެވެ. އެއްލައްކަ ތޯތާ (ގުރާ) އަށް ކިޔަވައިދިނަސް އެ ވާނީ ހަމަ އާދަމުގެދަރިވަންތަ ކަމެއް ނެތް ޖަނަވާރުންތަކަކަށެވެ.]

މި ބައިތުން ޝާޢިރު ދެއްވާފައިވާ މެސެޖް ވަރަށް ސާފެވެ. އެއީ، އެއްވެސް ތަރުބިއްޔަތެއް ނެތި، އާދަމުގެ ދަރިންތަކަކަށް އެއްޗެއް ކިޔަވައިދިނުމުން ނިކުންނާނެ ނަތީޖާއަކީ، ގުރާތަކަކަށް ކިޔަވަދިނުމުންވެސް ނިކުންނާނެ ނަތީޖާއެވެ. އެއްޗެއް އެނގުނަކަސް އޭގެ ބޭނުން ހެޔޮގޮތުގައި ހިފާކަށް ނޭނގޭނެއެވެ.

އަދި ކީއްތޯއެވެ؟ އެއަށްވުރެވެސް މަގުފުރެދުން ބޮޑުވާނެއެވެ. ސޫރަތުލް އަޢްރާފުގެ 179 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ. [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން ޙައްޤުގޮތް ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން ޙައްޤުމަގު ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން ޙައްޤުއަޑު ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ ޣާފިލުވެގެންވާ ބަޔެކެވެ.]

އިސްލާމީ ތަރުބިއްޔަތާ ނުލައި ދެވޭ ތަޢްލީމު، ދިވެހި އެހެން ޝާޢިރަކު ސިފަކޮށްދެއްވާފައިވަނީ މިގޮތަށެވެ!

[ތަރުބިއްޔަތެއް ނެތުމާއެކީ، ތަޢްލީމަކީ ލިބެވޭ؛ ފަރުވާއެކޭ އަދި ބޭހެކޭ، ބައްޔަށް ލުޔެއް ނުލިބޭ.]

ﷲ ތަޢާލާ މި ދެޝާޢިރުންނަށް ހެޔޮ ރަޙްމަތް ލައްވައި، ޖައްނަތުލް ފިރްދައުސު މިންވަރުކުރައްވާށިއެވެ! އަދި އަޅުގަނޑުމެންނަށް، އިސްލާމީ ތަރުބިއްޔަތާއެކު ދަރިންނަށް ތަޢްލީމު ދިނުމުގެ ހެޔޮ ވިސްނުން މިންވަރުކުރައްވާށިއެވެ!