ދުނިޔޭގެ ބާޒަރުގައި ކާނާގެ އަގުތައް ވަނީ ބޮޑު ވެގެން ގޮސްފައެވެ. ގޮދަނަށް ބާރު ބޮޑު ވުމާއެކު އިންޑިއާއިން ވަނީ އެކްސްޕޯޓްވެސް ކޮންޓްރޯލް ކޮށްފައެވެ،. މި ހުރިހައި ކަމަކާއެކު ދުނިޔޭގެ ލޮޖިސްޓިކްގެ ދާއިރާ އެއްކޮށް ގަޑު ބޮޑުވެ، މުދާ އުފުލުމާއި ހޭންޑްލް ކުރުމުގެ އަގުތައްވެސް ވަނީ އަތް ނުފޯރާ ވަރަށް ބޮޑު ވެގެން ގޮސްފައެވެ،. މިހުރިހައި ކަމަކާއެކު ތެލުގެ އަގުތައްވެސް ވަނީ ބޮޑު ވެގެން ގޮސްފައެވެ.

އިންޑިއާއިން ގޮދަން އެކްސްޕޯޓް ކުރުން މަނާކުރި ފަހުން އިންޑިއާގެ ގޮދަނުގެ ބާވަތްތައް އެތެރެކުރުމަށް ފަސް ހަ ގައުމަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. އިންޑިއާއިން ގޮދަން އެކްސްޕޯޓް ކުރުން މަނާ ކުރީ މިދިޔަ މަގުގެ 13ގައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިންޑިއާގެ ފުޑް ސެކިއުރިޓީއާ ބެހޭ އިދާރާއިން ބުނެފައި ވަނީ އެ ގައުމުތަކުން ހުށަހަޅާފައވާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަށް ސަރުކާރުން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. މި ގައުމުތަކުގެ ނަންތައް ހާމަ ކޮށްފައެއް ނުވެއެވެ.

އިންޑިއާގެ އެތެރޭގެ ބާޒާރުގައި ގޮދަނުގެ އަގުތައް އެކްސްޕޯޓް ކުރުން މަނާކުރުމުގެ ސަބަބުން މިހާރު އަގުތައް ވަނީ ހެޔޮވާން ފަށާފައެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން، އިންޑިއާގެ ގޮދަނުގެ ޑިމާންޑް ބޭރު ގައުމުތަކުގައި ވަނީ އިތުރުވެފަ އެވެ. މިއަހަރުގެ އޭޕްރީލް މަހު އެކަނިވެސް 14.63 މިލިއަން މެޓްރިކް ޓަނުގެ ގޮދަން އެކްސްޕޯޓްކޮށްފައިވެއެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހު އެކްސްޕޯޓްކޮށްފައިވަނީ 2.43 މިލިއަން މެޓްރިކް ޓަނެވެ.

އިންޑިއާ ސަރުކާރުން ބުނި ގޮތުގައި ތުރުކީ ސަރުކާރުނ އިންޑިއާގެ ގޮދަން ބަލައި ނުގަތުމުގެ ވާހަކަ މީޑިގައި ރިޕޯޓް ކޮށްފައި ވުމާއެކު ތުރުކީން އެކަން ހިނގައި ދިޔަ ގޮތް ސާފު ކުރުމަށް އިންޑިއާއިން ވަނީ އެދިފައެވެ.

ކުކިންގ އޮއިލްގެ އަގުތައްވެސް މިހާރު ދުނިޔޭގެ ބާޒަރުގައި ބޮޑު ވެގެން ގޮސްފައި ވުމާއެކު އިންޑިއާއިން ދަނީ އެކަމަށްވެސް ފިޔަވަޅު އަޅަމުންނެވެ.

ބްރަޒިލުން އެތެރެ ކުރާ ސޯޔާބީން އޮއިލްގެ އަގުތައް 35.5 ޕަސެންޓަސް ބޮޑު ވެފައި ވެއެވެ. އަދި އިންޑިއާގެ އެތެރޭގެ ބާޒާރުގައި މި އަދަދު ވަނީ އަހަރަކަށް ވުރެ އަހަރެއް 13 ޕަސެންޓަށް އިތުރު ވަމުން ގޮސްފައެވެ. ޔޫރަޕުން ގެންނަ ސަންފްލާވަރ އޮއިލްގެ އަގު ދުނިޔޭގެ ބާޒާރުގައި 35.9 ޕަސެންޓަށް ބޮޑު ވެފައި ވެއެވެ. އިންޑިއާގެ ބާޒާރުގައި މި އަދަދު ވަނީ އަހަރުން އަހަރަށް 12.1 ޕަސެންޓް އިތުރުވަމުން ގޮސްފައެވެ.