ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި ތަހުރީކޭ އިންސާފު ޕާޓީގެ ލީޑަރު އިމްރާން ޚާންގެ މައްޗަށް ގައުމަށް ޣައްދާރުވުމުގެ ދައުވާ އުފުލުމަށް ޕާކިސްތާނު ސަރުކާރުން ވިސްނަމުން ދާކަމަށް ސަރުކާރުގެ މަސްދަރުތަކުން ބުނެއެވެ. އެއީ، އިސްލާމްއާބާދުގައި މިދިޔަ މަހު އޭނާގެ ޕާޓީން ބޭއްވި އާޒާދީ މާޗާ ގުޅިގެން ކަމަށްވެސް ބުނެއެވެ. އިސްލާމްއާބާދުން ބޭރުގައި އެއްވުން ބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވީނަމަވެސް، އިމްރާން ޚާންއާއި އޭނާގެ ބައިވެރިން އިސްލާމްއާބާދަށް ވަދެ އެއްވުން ބޭއްވުމުގެ ސަބަބުން ފުލުހުންނާއި ޕީޓީއައިގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައި ވެއެވެ.އޭގެ ފަހުން ޚާން ވަނީ އޭނާގެ ހިނގާލުން ނިންމަވާލައްވައި އިސްލާމްއާބާދުން ނިކުމެ ވަޑައިގެންފައެވެ.
ކެބިނެޓްގެ މުހިންމު ބައްދަލުވުމެއްގައި ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ މި މަހުގެ 25 ވަނަ ދުވަހު ބޭއްވި އާޒާދީ މާޗްގެ މައުލޫމާތު ކެބިނެޓާ ހިއްސާކުރައްވާފައެވެ.އިމްރާން ޚާންގެ އިތުރުން، އެހެން ބައެއް ސަރަހައްދުތަކުގެ ޗީފް މިނިސްޓަރުންނާ ދެކޮޅަށް ބަޣާވާތް ކުރުމުގެ ތުހުމަތުގައި މައްސަލަ ހުށަހެޅުމާ މެދުވެސް އޮފިޝަލުން ވަނީ މަޝްވަރާ ކުރައްވާފައެވެ.މި ކަމަސް އެކުލަވާފައިވާ ކޮމިޓީން ވަނީ ކެބިނެޓަށް ހުށަހެޅުންތައް ހުށަހެޅުމަށްޓަކައި، މި މައްސަލަ އިތުރަށް ދިރާސާކުރުމަށް އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހާ ހަމައަށް ފަސްކޮށްފައެވެ. ޕާކިސްތާނުގެ ދާޚިލީ ވަޒީރު ރަނާ ސަނާއުالله ވަނީ އިމްރާން ޚާންގެ މައްޗަށް ގައުމަށް ޣައްދާރުވުމުގެ ދައުވާ ކުރުމަށް ކޮމިޓީގައި އެދިވަޑައިގެންފައެވެ.