މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު "އަޔާޓާ" އޮތޮރައިޒްޑް ޓްރެއިނިންގ ސެންޓަރެއްގެ ގޮތުގައި އެވިޑް ކޮލެޖް ހަމަޖެހިގެން ދިޔުމާއެކު ކަމާ ގުޅުންހުރި ފަރާތްތަކަށް އަމާޒުކޮށްގެން މަޢުލޫމާތު ބަދަލުކުރުމުގެ ގޮތުން "ޕަރސްޕެކްޓިވްސް އެންޑް ފިއުޗަރ އެވެނިއުސް ފޯ ޓްރެވެލް އެންޑް އޭވިއޭޝަން އިންޑަސްޓްރީ" ގެނަމުގައި މިމަހުގެ 1 ވަނަ ދުވަހު އެވިޑް ކޮލެޖުން މާލޭގައި ބޭއްވި ސެމިނަރ ވެގެންދިޔައީ ވަރަށް ކާމިޔާބު ސެމިނައަރކަށެވެ.
މިސެމިނަރގައި ކަމާގުޅޭ ދާއިރާތަކުން 40 ބޭފުޅުން ބައިވެރިވެ ލެއްވެވިވެއެވެ. ސެމިނަރގައި ވާހަކަދެކެވި މަޢުލޫމާތު ބަދަލުކުރެވިގެން ދިޔަ މައިގަނޑު ބައިތަކުގެ ތެރޭގައި އޭވިއޭޝަން ދާއިރާގައި "އަޔާޓާ" ގެ ދައުރަކީ ކޮބައިކަމާއި، ކޯވިޑް 19 ގެ ސަބަބުން ޓްރެވެލް އިންޑަސްޓްރީއަށް ކުރިއަސަރު އަދި ދިމާވި ގޮންޖެހުންތަކާއި "އަޔާޓާ" ސެޓިފިކޭޝަންއާއި ގުޅުމުން ހުރި ފައިދާއާއި "އަޔާޓާ" އޮތޮރައިޒްޑް ޓްރެއިނިންގ ސެންޓަރެއްގެ ދައުރަކީ ކޮބައިކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލެވުނެވެ. މައިގަނޑު ގޮތެއްގައި ސެމިނަރގައި ސްޕީކަރގެ ހައިސިއްޔަތުން ހަރަކާތްތެރިވެ ލެއްވެވީ އަޔާޓާ ރީޖަނަލް ޓްރެއިނިންގ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ ލޮކޭޝް މައްޓާ އެވެ.
މި ސެމިނަރަގއި އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދާއި، ރެކްޓަރ، ޑރ. ސުނީނާ ރަޝީދާއި ކޮލެޖްގެ ސީނިއަރ ބައެއް މުވައްޒަފުން ބައިވެރިވެ ލެއްވެވިއެވެ.
އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވި ގޮތުގައި "އަޔާޓާ" ގެ ކޯސްތައް ހިންގުމަށްޓަކައި އެވިޑް ކޮލެޖުން ވާންޖެހޭ ތައްޔާރީ ތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު އަތްފޯރަފަދަ އަގެއްގައި ފޯރުކޮށްދެމުންގެންދާ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ.