ކެރެލާގެ ވަޔަނާޑް ޑިސްޓްރިކްޓްގެ މީނާގަޑީ ނަމަކަށް ކިޔާ ވިލެޖު މަޝްހޫރު ވެގެން ގޮސްގައި ވަނީ ކާބަން ނިއުޓްރަލް ވިލެޖެއްގެ ގޮތުގައެވެ. އަށް ހާސް މީހުން ދިރިއުޅޭ މި އާބާދީއަކީ އިންޑިއާގެ އެންމެ ފުރަތަމަ ކާބަން ނިއުޓްރަލް މޮޑެލް ވިލެޖެވެ.
މި ވިލެޖު މީހުންނަކީ އޭސީ ފަދަ ކަރަންޓު ހޭދަ ބޮޑު އާލާތްތަކާއި ޕްރައިވެޓް ކާރު ބޭނުން ކުރާ ބައެއް ނޫނެވެ. މި ވިލެޖުގެ ކާބަން އުފެއްދުމުގެ ބޮޑު ބައެއް ހިއްސާ ކުރަނީ، ހިސާބުން ދަތުރުކުރާ އުޅަނދުތަކުންނެވެ.
މީނާންގަޑީ ވިލެޖު ކާބަން ނިއުޓްރަލް ކޮށްފައި ވަނީ ވިލެޖު ކައުންސިލުގެ ބޭންކު މެދުވެރިކޮށް ހިންގި ޓްރީ ބޭންކިންގ ޕްރޮޖެކްޓަކުންނެވެ. މިއީ ރައްޔިތުންގެ ބައިވެރިވުމާއެކު އެމީހުންނަށް ފައިދާވާ ގޮތަށް ހިންގާފައިވާ ޕްރޮޖެކްޓެކެވެ.
ވިލެޖު ކައުންސިލު، ގްރާމް ޕަންޗާޔަތުގެ ޓްރީ ބޭންކިންގ ޕްރޮޖެކްޓަކީ، ވިލެޖުގެ ގަސްގަހާގެހީގެ ބޯހިމެނުމަށް ފަހު ކޮންމެ ގަހެއްވެސް ރަޖިސްޓްރީކޮށް، އެ ގަސް ވިލެޖުގެ ކޯޕަރޭޓިވް ބޭންކުގެ ގަސްގަހާގެހީގެ ދަފްތަރުގައި ދަފުތަރު ކޮށް ބެލެހެއްޓުމުގެ މަޝްރޫއެކެވެ.
މި ވިލެޖުގައި އެއްވެސް ގަހެއް، އޭގެ ވެރިފަރާތުން ދަފްތަރު ކުރާ ނަމަ އަހަރަކަށް، ކޮންމެ ގަހަކަށް 50 ރުޕީސްގެ އާމްދަނީއެއް ކޯޕަރޭޓިވް ބެންކުން ވެރިފަރާތަށް ދޭނެއެވެ. އަދި އަހަރު ވުމުން ގަސް ބެންކުގައި މޯގޭޖު ކުރުމަށްފަހު ލޯނު ނެގޭނެއެވެ.
ޕަންޗަޔާތު ނުވަތަ ވިލެޖު ކައުންސިލުން ގަސް ބަލަހައްޓާނީ ކޮންމެ ގަހެއްވެސް ޖިއޯ ޓެގް ކޮށްގެންނެވެ. މާނައަކީ ގަސްގަހާގެހީގެ އާބާދީވެސް އަދި ގަސް ވުޖޫދުގައި ހުރިތޯ ބެލުމަށްވެސް ބޭނުން ކުރާނީ ޖިއޯ ޓެގިންގއެވެ.
ވަޔަނާޑަކީ ކޮފީ ހެއްދުމަށް މަޝްހޫރު ސަރަހައްދެކެވެ. މިއީ ލަވާޒާ އާއި އިއްލީގައި ބޭނުންކޮށްފައި ހުންނަ ރޯބަސްޓާ ވެރައިޓީގެ ކޮފީ އިންޑިއާގައި އުފައްދާ މަޝްހޫރު ސަރަހައްދެކެވެ.
މީނާންގަޑީގެ ޓްރީ ބޭންކިންގ ޕްރޮޖެކްޓް ފެށުމުން ސަރުކާރުން ވަނީ މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކޯޕަރޭޓިވްއަށް 10 ކުރޯޑް ރުޕީސް ޖަމާކޮށްދީފައެވެ. އަދި އޭގެ އިތުރުން ރޯބަސްޓާ ކޮފީ ޕައުންޑަރު ހަދައި ވަޔަނާޑް ބްރޭންޑްގެ ނަމުން ކޮފީ ވިއްކޭ ގޮތަށް ކޮފީ ޕްރޮސެސިންގ ޕްލާންޓެއްވެސް ސަރުކާރުން ވަނީ ބަހައްޓައިދީފައެވެ.
ކޮވިޑްގެ ފުރަބަންދުގައި ވިލެޖު މީހުން ވަނީ ހިސާބުގެ ޖަންގަލީ ބަލަހައްޓާ އިދާރާއާ ގުޅިގެން ގަސް އިންދުމުގެ މަޝްރޫއެއް ހިންގާފައެވެ. އެ މަޝްރޫއުގެ ދަށުން 2.5 މިލިއަން ގަސް ރައްޔިތުން ވިލެޖުގައި އިންދާފައި ވެއެވެ.
މީނާންގަޑީގެ ޓްރީ ބެންކުގެ ވާހަކައާއި ކާބަން ނިއުޓްރަލް ކުރުމަށް ކުރާ މަސައްކަތުގެ ވާހަކަ އިންޓަރނޭޝަނަލް މީޑިއާގެ ސަމާލުކަމަށްވެސް އައިސްފައި ވެއެވެ. ވަރލްޑް ބެންކުންވެސް މި މޮޑެލް ދިރާސާކޮށްފައި ވެއެވެ. އަދި 101 ރިޕޯޓަރޒްގެ ގްރޫޕުންވެސް މި މޮޑެލްއާ ބެހޭ ރިޕޯޓްތައް ހަދައި "ޕްރޮމިސް އޮފް ކޮމަންސް"ގައި ޝައިއުކޮށްފައި ވެއެވެ.