އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ޚާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު، ނައިޖަރ އަށް ފުރާވަޑައިގެންފި އެވެ.

އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ "ތަރައްޤީއަށް ހަމަޖެހުމަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް" މި ޝިއާރެ އެވެ.މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރު 27 އިން 28 އަށް ރިޕަބްލިކް އޮފް ނައިޖަރގެ ވެރިރަށް ނިއާމޭގައެވެ.

އަދި އިސްލާމީ އުއްމަތަށް މިވަގުތު ކުރިމަތިވެފައިވާ ކަންކަމާމެދު ދިވެހިރާއްޖެއިން ދެކޭ ގޮތް ހާމަކުރައްވައި، އުއްމަތް އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާނެއެވެ. ކޮވިޑް-19ގެ ޙާލަތު ރާއްޖޭގައި އޮތް ގޮތާއި، އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދައްކަވާނެ އެވެ.މީގެ އިތުރުން މި ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު މިނިސްޓަރ ޝާހިދު ބައިލޭޓަރަލް ބައްދަލުވުންތައް ބާއްވަވާނެ އެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯ.އައި.ސީއަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު މުޙައްމަދު ޚަލީލްއާއި، މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރ އަހުމަދު ސަލްމާން ޒަކީ އެވެ.

ދިވެހިރާއްޖެއިން އޯ.އައި.ސީގެ މެމްބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ. އަދި އެއަށްފަހު އެޖަމްއިއްޔާގެ ޙަރަކާތްތަކުގައި އަބަދުވެސް ބައިވެރިވެއެވެ. އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ގޮތުގައި 57 ޤައުމު އޮވެއެވެ.