ތުއްތު އިރުއްސުރެ ބައްޕައެއްގެ ލޯބި ލިބި، އެ ބައްޕައާއެކު ވަގުތު ހޭދަކުރަން ލިބުމަކީ ދަރިއަކަށް ލިބޭނެ ވަރަށް ބޮޑު ނަސީބެކެވެ. އެއީ ބައްޕަގެ ލޯބި ލިބުމުގެ އިތުރަށް އެ ކުދިންގެ ވިސްނުން ތޫނުވާތީއެވެ. މިކަން ދިރާސާތަކުން އެނގެއެވެ. އެހެންނަމަވެސް މި ނަސީބު ލިފައިވާ ކުދިން މި ރާއްޖޭގައިވެސް މަދެވެ.
ބައްޕައިންނާއެކު ދަރިން ހޭދަކުރާ ވަގުތުގެ ސަބަބުން ދަރިފުޅަށް އަންނަ ބަދަލު ބެލުމަށްޓަކައި ލަންޑަންގައި 128 ކުއްޖަކު ބައިވެރިކޮށްގެން ދިރާސާ ކުރިއެވެ. މި ދިރާސާގައި އުމުރުން 3 މަހުން ފެށިގެން 1 އަހަރު ވަންދެން ތުއްތު ދަރިފުޅު ބައްޕައާއެކު ކުޅެ ތަފާތު އެކި ޙަރަކާތްތައް ކުރުމުގައި ގިނަ ވަގުތު ހޭދަ ކުރުވި އެވެ. ދިރާސާ އިން އެނގުނީ ބައްޕައާއެކު ގިނަވަގުތު ހޭދަކުރަން ނުލިބޭ ކުދިންނަށްވުރެ އެ ފުރުޞަތު ލިބުނުކުދިން ތޫނުފިލިވެފައި ހުނަރުވެރި ކަމަށެވެ.
ތުއްތު ދަރިފުޅާއެކު ވަގުތު ހޭދަކޮށްލަން ލިބުމަކީ ބައްޕައިނަށްވެސް އުފަލާއި ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. އެހެނަސް ތަފާތު އެކި ސަބަބުތަކާހުރެ ބައްޕައިންނަށް ތުއްތު ދަރިފުޅާއެކު ވަގުތު ހޭދަކޮށްލުމަށް ފުރުޞަތު ލިބެނީ ވަރަށް މަދުންނެވެ. ވަޒީފާގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުންނެވެ. ނޫނީ އާއިލާއާއި ދުރުގައި ވަޒީފާ އަދާކުރަން ޖެހުމުންނެވެ.
ބައެއް ފަހަރަށް ދަރިންނާއެކު ވަގުތު ހޭދަކޮށްލަން ލިބޭފުރުޞަތުވެސް ގުރުބާންކޮށްލާ ބައްޕައިންވެސް އުޅެއެވެ. މިފަދަ ބައްޕައިން ދެކޭގޮތުގައި ދަރިން ތުއްތު އިރު އެކުދިންނާއެކު ވަގުތު ހޭދަކުރަން ޖެހޭނީ މަންމައިންނެވެ. އެހެންކަމުން ލިބޭ ހުސްވަގުތުތަކުގައިވެސް އެހެނިހެން ކަންކަމުގައި މަސްޢޫލު ވެއެވެ. ރައްޓެހިންނާއެކު ކޮފީއެއް ބުއިމުގައެވެ. ނޫނީ އަނގަތަޅާލުމުގައެވެ.
ނަމަވެސް ދަރިފުޅަށް ލިބޭ ކުރިއެރުމާއި ތަރަށްޤީއަށްޓަކައި ބައްޕަވެސް ދަރިފުޅާއެކު ވަގުތުހޭދަކުރުމަށް ފުރުޞަތު ހޯދަންޖެހެއެވެ. ކޮފީތަކާއި ރައްޓެހިންނާއި އެކު ހޭދަކުރާ ވަގުތުތަކެކޭ އެއްފަދައިން ތިމާގެ ތުއްތު ދަރިފުޅަށް ވަގުތު ދޭންޖެހެއެވެ.
ބައްޕަގެ ޒިންމާއަކީ ހަމައެކަނި ދަރިފުޅު ސްކޫލަށް ގެންގޮސް ގެނެސްދިނުމެއްނޫނެވެ. ފިރިހެންދަރިފުޅު ގޮވައިގެން މިސްކިތަށް ދިއުމެއްނޫނެވެ. އެންމެ ތުއްތު އިރުވެސް ދެބަފައިންގެ ދެމެދު ރަނގަޅު ގުޅުމެއް އުފައްދަން ޖެހެއެވެ. ތުއްތު އިރުވެސް ދަރިފުޅާ އެކު ކުޅެ ސަކަރާތްޖަހައި ހީ ސަމާސާ ކުރަންޖެހެއެވެ. އެއީ ތިބާގެ ދަރިފުޅަކީ ވިސްނުން ތޫނު ކުއްޖަކަށް ހެދުމަށްޓަކައެެވެ. ރަނގަޅު ކަންކަމަށް ހުނަރުވެރި ކުރުމަށްޓަކައެވެ. އަދި ތިބާގެ ދަރިފުޅު އުފަލުގައި ހެދި ބޮޑުވުމަށްޓަކައެވެ.