ބޮލީވުޑްގެ ކުޅަދާނަ ތަރި، ސަލްމާން ޚާންގެ ބައްޕަ، ފިލްމު އުފައްދާ އަދި ފިލްމުގެ "ސްކްރިޕްޓް" ލިޔުންތެރިޔާ ސާލިމް ޚާނަށް އިންޒާރުގެ ސިޓީއެއް ލިބިއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި މުންބާއީގެ ބަނޑްރާ ޕޮލިސްޓޭޝަނަށް ވަނީ ސާލިމް ކާން އަށް، ކާކުކަން ނޭނގޭ މީހަކު އިންޒާރު ގެ ލިޔުމެއް ފޮނުވިކަމަށް ހުށައަޅާފައެވެ. އަދި އެ މައްސަލަ މިހާރު ބަލަން ފަށައިފައި ވާކަމަށްވެސް ނޫސްތަކުގައި ވެއެވެ.

ޓައިމްސް އޮފް އިންޑިއާއިން މުންބާއީ ޕޮލިސް އޮފިސަރަކާއި ހަވާލާދީ ބުނެފައިވަނީ މި އިންޒާރުގެ ލިޔުން ފެނުނީ ސާލިމް ޚާން އާންމުގޮތެއްގައި ހެނދުނު ހިނގާލުމަށްފަހު ވަރުބަލި ފިލުވާލުމަށް އިށީންނަ ތަނެއްގައި ހުރި ގޮނޑިއެއްގެ މަތީގައި ބާއްވާފައި އޮއްވައެވެ. އެ ލިޔުން ސާލިމް ޚާންގެ ސެކިޔުރިޓީ ބަލަހައްޓާ މީހަކަށް ފެނިގެން އޭނާ އާއި ހަވާލުކުރިއެވެ. އެ ލިޔުމުގައިވަނީ "މޫސޭ ވާލާ އަށް ހަދާލިގޮތް ހަދާލާނަމެވެ."

ލަވަކިޔުންތެރިޔާ ސިދޫ މޫސާ ވާލާ މިދިޔަ މަހު ފަހުކޮޅު މަރާލީ އޭނާގެ ގަޔަށް ބަޑި ޖަހައިގެންނެވެ. ސިދޫ ގަޔަށް ބަޑި ޖެހީ އޭނައަށް ދީފައިވާ ސެކިއުރިޓީ އުވާލާފައި ވަނިކޮށް، އެކުވެރިއަކާއި އެކު އުފަން އަވަށް ކަމުގައިވާ މޫސާ ވިލެޖަށް ދަނިކޮށެވެ. އެމީހުން ދުއްވާފައިދިޔަ އުޅަނދަށް 30 ވަޒަން އަރާފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ. ސިދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.

ސިދޫ މޫސޭ ވާލާ މަރާލި ގުރޫޕުން ސަލްމާން އަށް ވެސް އިންޒާރު ދިންކަމަށް އިންޑިއާގެ މީޑިއާތަކުން ޚަބަރު ފަތުރައެވެ. މި ސަބަބައްޓަކައި ސަލްމާޚާންގެ އާއިލާއާއި އޭނާއަށް ސަޕޯޓުކުރާމީހުން ކަންބޮޑުވިއެވެ. އަދި އޭނާގެ ސެކިއުރިޓީވެސް އިތުރަށް ވަރުގަދަކުރިއެވެ.

ސިދޫ ގެ އިތުރަށް ލަވަކިޔުންތެރިޔާ ކޭކޭވެސް މަރުވީ ފާއިތުވި ހަފުތާގައެވެ. އޭނާ މަރުވީ ކަލްކަތާގައި ޝޯއެއް ދީ، ނިމުނުތާ މާ ގިނައިރެއް ނުވެއެވެ. މި ޝޯ ހުށައެޅިއިރުވެސް އޭނާއަށް އުނދަގޫތަކެއް ވީކަމުގައި ރިޕޯޓުތައް ބުނެއެވެ. ކޭކޭ މަރުވުމުގައިވެސް ބައެއްގެ އަތެއް ވާކަމަށް ތުހުމަތުކޮށް މިހާރު އެމައްސަލަވެސް ދަނީ އިންޑިއާ ފުލުހުން ބަލަމުންނެވެ.

ސަލަމާން ޚާން އަކީ އިންޑިޔާގެ އިތުރަށް ދުނިޔޭގައިވެސް މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ. މިހާރު އޭނާ ކުޅެމުންދާ ފިލްމަކީ "ކަބީ ޢީދު ކަބީ ދިވާލީ" އެވެ. މި ފިލްމު މިއަހުރުގެ ޑިސެންބަރު މަހު ފަހުކޮޅު ސިނަމާތަކުން ފެންނާނެކަމަށް މައުލޫމާތު ލިބެއެވެ.