އިނގިރޭސިވިލާތުގެ ލީޑްސްއަށް 2000 ވަނަ އަހަރުގެ ޖުލައި 21 ދުވަހު އުފަންވި އާރްލިން ހާލަންޑަކީ ފުޓްބޯޅައިގެ ދުނިޔޭގެ އުދަރެހުން މިހާރު އަރަމުން އަންނަ އައު ތަރި ކަމަށް ބުނުމުން ފުޓްބޯޅަ ދިރާސާކުރާ ގިނަބަޔަކު އެކަމާ ދެބަސްވާނެހެން ހިޔެއް ނުވެއެވެ.
ލީޑްސްއަށް ހާލަންޑް އުފަންވިއިރު އޭނާގެ ބައްޕަ އަލްފް-އިންގެ ހާލަންޑަކީ ލީޑްސް ޔުނައިޓެޑުގެ އެންމެ މުހިއްމު އެއްޑިފެންޑަރެވެ. ނޯވޭ ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރި އަލްފް-އިންގެ ހާލަންޑުގެ ހުވަފެނަކަށް ވެފައި އޮތީ އޭނާގެ ދަރިފުޅު އާރްލިން ހާލަންޑް މޮޅު ފޯވާޑަކަށް ވުމެވެ.
ޔޫރަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ (ގޯލްޑަން ބޯއީ) ގެ މަގާމް މިދިޔަ ހަފްތާގައި ހޯދި ހާލަންޑް ރޭ ވަނީ ޗެމްޕިއަންސް ލީގުގައި ކްލަބު ބުރޫޖް ކޮޅަށް ދެލަނޑު ކާމިޔާބު ކޮށްފައެވެ. މިމެޗް ޑޯޓްމަންޑުން 3-0 އިން ކާމިޔާބުކޮށް ދެވަނަ ބުރުގެ އުއްމީދު ބޮޑުކުރިއިރު ހާލަންޑަށް ވަނީ ވަކިން ބޮޑު އުފަލެއް ލިބިފައެވެ.
އެއީ ފުޓްބޯޅައިގެ ކުރީގެ ވަރުގަދަ ދެތަރިން ކަމުގައިވާ ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯ ނަޒާރިއޯ އާއި ފްރާންސްގެ ޒައިނުއްދީން ޒިދާނަށްވުރެ ގިނަ ލަނޑު ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކުރެވުމުގެ އުފަލެވެ. ޒިދާނާއި ރޮނާލްޑޯއަށް ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކުރެވިފައި ވަނީ 14 ލަނޑެވެ.
ހާލަންޑް،20، ޗެމްޕިއަންސް ލީގުގެ ތާރިހުގައި މިހާތަނަށް ކުޅުނީ 12 މެޗެވެ. އެކަމަކު އޭނާ ވަނީ މިހާތަނަށް 16 ލަނޑު ކާމިޔާބު ކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ތާރިހުގައި 12 މެޗް ކުޅެގެން 16 ލަނޑު ކާމިޔާބު ކުރެވުނު އެހެން ކުޅުންތެރިއެއް ހާލަންޑް ނޫނީ ނެތެވެ.
ހާލަންޑަކީ ފުރާވަރު އުމުރުގައި ޖެހިޖެހިގެން ޗެމްޕިއަންސް ލީގް 5 މެޗުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއެވެ. މީގެ އިތުރުން ހާލަންޑް ވަނީ މިދިޔަ އޮތް 20 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި އެއްމެޗެއްގައި 9 ލަނޑު ކާމިޔާބުކޮށް ރެކޯޑް ހަދާފައެވެ.
ފާއިތުވެދިޔަ 15 ވަނަ ވަރަކަށް އަހަރު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ދެކުޅުންތެރިން ކަމުގައިވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު އެދެކުޅުންތެރިންގެ ކެރިޔަރގެ ފަހު ދުވަސްތައް ގުނަމުންދާއިރު ހާލަންޑަކީ އެދެކުޅުންތެރިންގެ ފިޔަވަޅު މަތިން ފިޔަ ޖަހާނެ ކުޅުންތެރިއެއްކަމަށް ފުޓްބޯޅައިގެ ފުންނާބު އުސް ތަޖުރިބާކާރުން ދެކެއެވެ.