ދިރިއުޅުއުޅުމުގައި ދިމާވާ ކަންކަމުގައި ހާސްވެ، ކަންބޮޑުވެ، ފިކުރު ބޮޑުވުމަކީ ޠަބީޢީ ކަމެކެވެ. އަދި އެކަމެއްގެ ސަބަބުން ތިމާގެ ދިރިއުޅުމަށް ބޮޑެތި އަސަރުކުރާފަދަ ކަންކަން ދިމާވުމުން މިފަދަ ހާސްކަމާއި ކަންބޮޑުވުމުގައި ގިނަ ދުވަސް ހޭދަވެއެވެ. އެހެންނަމަވެސް މި ކަންބޮޑުވުން ދިގުލައި ދެމިގެންދާނަމަ، އިންސާނާގެ ޖިސްމާނީ އަދި ނަފުސާނީ ސިއްޙަތަށް ގެއްލުން ލިބޭކަމަށް ޑޮކްޓަރުން ހާމަ ކުރެއެވެ.

ފިކުރުބޮޑުވުމާއި ހާސްކަމުން އަވަހަށް އަރައިގަތުމަކީ ކޮންމެހެންވެސް ބޭނުންކަމެކެވެ. ތިމާގެ ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށްޓަކައެވެ. އިތުރު އެހެން ތަކުލީފުތަކާއި ބަލިތަކުން ދުރުވުމަށްޓަކައެވެ. އެހެންކަމުން ކަންބޮޑުވުމާއި ހާސްކަމުން ދުރުވުމަށް ކަމުގެ މާހިރުންނާއި ޑޮކްޓަރުން ދެއްވާ ލަފާ ހިއްސާކޮށްލަމެވެ.

ﷲ ހަނދުމަކޮށް، ފަރުޟާއި ސުންނަތުގައި ހިފުން

ކޮންމެ ކަމެއްވެސް މެދުވެރިވުމުގައި ސަބަބުތަކެއް ވާނެކަން ހަނދާންކުރާށެވެ. އަދި ބޭކާރު ނުރަނގަޅު ވިސްނުންތައް ދޫކޮށްލާށެވެ. އެއާއެކު އަޅުކަން ކުރުމުގަޔާއި ޒިކުރުކުރުމުގައި ދެމިހުރުމަކީ ތިމާއަށް ކެއްތެރިކަން ދެއްވައި، ރަނގަޅު ވިސްނުން ދެއްވާނެ ކަމެއްކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.

ގާތް އެކުވެރިއަކާއި ވާހަކަތައް ހިއްސާކުރުން

ތިމާ ކަންބޮޑުވާކަމެއް ދިމާވުމުން އެކަން ހިއްސާނުކޮށް އެކަނިމާއެކަނި އެކަން ތަހައްމަލު ކުރުމަކީ ނަފުސާނީ އަނދަވަޅަކަށް ވެއްޓިދާނެކަމެކެވެ. އެހެންކަމުން ތިމާއަށް ހެޔޮއެދޭ ވަފާތެރި އެކުވެރިއަކާއި ވާހަކަތައް ހިއްސާކޮށް މަޝްވަރާކޮށްލުމުން ހިތަށް ކންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެއެވެ.

ނިދި ހަމަކުރުން

ކިތަންމެވަރަކަށް ހާސްވެ، ކަންބޮޑުވުމުގައި ދިރިއުޅުން ހޭދަކުރިނަމަވެސް ނިދޭތޯ ބަލަންވާނެއެވެ. އެހެންނަމަވެސް މިފަދަ ހާލަތެއްގައި ނިދުމަކީ އެހާ ފަސޭކަމެއްނޫނެވެ. އެހެންކަމުން ނިދަން އޮށޯވެ ހިތުން އެނގޭ ސޫރަތްތައް ކިޔެވިދާނެއެވެ.

އަދި ބައެއްމީހުން ބުނެއެވެ. ނިދި ނާންނަ ނަމަ، ތިމާ ފޫހިވާ ކަމެއް ކުރާށެވެ. ނުވަތަ ކުރަން އުނދަގޫ ކަމެއް ކުރާށެވެ. އެގޮތުން ހިސާބު އަދަދު އިނދިކޮޅަށް ގުނުން ނޫނީ ތާނަ އަކުރު އިނދިކޮޅަށް ކިޔުން ފަދަ ކަމެއް ކޮށްލެވިދާނެއެވެ.

ކަސްރަތު ކުރުން

ކަސްރަތުކުރުމަކީ ހާސްކަމާއި ކަންބޮޑުވުމުން ދުރުކޮށްދޭ ކަމެކެވެ. އެއީ ކަސްރަތު ކުރުމުން ސިކުނޑިއަށް ލޭދައުރުކުރުމުގައި ފަސޭހަވާތީއެވެ. މިގޮތުން ކަސްރަތު ކުރާއިރު ގްރޫޕަކާއި ނުވަތަ ރައްޓެއްސަކާއި ބައިވެރި ރަނގަޅު އިރުޝާދުގެ މަތިން ކަސްރަތު ކުރުމަކީ ނަފުސާނީގޮތުންނާއި ޖިސްމާނީގޮތުންވެސް ފައިދާވާނެކަމެކެވެ.

ރަންގަޅު ކާނާ ކެއުން

ގިނަފަހަރަށް ހާސްވެ ކަންބޮޑުވުމުން ގިނަ މީހުން ކާހިތް ކެނޑި ކެއުމާ ދުރުވެއެވެ. މިހެންވުމުން އިތުރު ބަލިތަކަށް ހުށަހެޅެއެވެ. އެހެންކަމުން ކެއުމަށް ފަރުވާތެރިވެ ހަށިގަނޑަށް ފައިދާލިބޭ ރަނގަޅު ކާނާ ކެއުމުގައި ހިމެނުމަކީވެސް ކަންބޮޑުވުންތަކުން ދުރުކޮށްދޭނެ ކަމެކެވެ.