މީގެ ކުރިން ދުވަހަކުވެސް ބ.ކަމަދޫއަށް ހަމަޖެހިފައި ނެތް ތަރައްޤީގެ އެތައް މަޝްރޫއުތަކެއް މިސަރުކާރުން ހަމަޖައްސަވަމުން ގެންދަވާތީ، އެކަން ފާހަގަ ކުރައްވައި އެރަށު ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ޝުކުރު ދަންނަވައިފިއެވެ.

ކަމަދޫ ކައުންސިލުން ރައީސް ސާލިހަށް ޝުކުރު ދެންނެވީ، ރައީސް އޮފީހުގައި އެމަނިކުފާނު ކަމަދޫ ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްބަދަލުވުމެއްގައެވެ.

މިސަރުކާރުން ކަމަދޫގައި މިއަހަރު ތެރޭގައި 15.4 މިލިޔަން ރުފިޔާ ހަރަދު ކުރައްވައިގެން 8 ޕްރޮޖެކްޓެއް ހިންގެވުމަށް ވަނީ ނިންމަވާފައެވެ. މީގެ ތެރެއިން އައުޓްޑޯ ޖިމްގެ މަސައްކަތް ނިމިފައިވާއިރު ފެނާއި ނަރުދަމާގެ މަސައްކަތާއި ޓްރާންސްޕޯޓް ނެޓްވޯކަށް ބޭނުންވާ ގިމަތައެއް ހެދުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ. ބަނދަރު މަރާމާތު ކުރުމާއި ބޯޅަ ދަނޑު ހެދުމާއި ކުޑަކުދިންގެ ޕާކް ހެދުމުގެ މަސައްކަތް ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލް ކޮށްފައެވެ. ހިންގަވަމުން ގެންދަވާ މަޝްރޫއުތަކުގެ ތެރޭގައި ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއާއި ބޯޅަ ދަނޑު ހެދުމުގެ މަޝްރޫއާއި ކުޑަ ކުދިންގެ ޕާކެއް ހެދުމުގެ މަޝްރޫއު މިހާރު ކޮންޓްރެކްޓް ކުރެވި އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ.

ރަށް: ބ.ކަމަދޫ

އާބާދީ: 539

ރަށުގެ ބޮޑުމިން: 20.2 ހެކްޓަރ

މިއަހަރު ހިންގުމަށް ރޭވިފައިވާ މަޝްރޫއުތަކުގެ އަދަދު: 8

މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓް: 15.4 މިލިޔަން