ރާއްޖޭގެ މުސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން އއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖު ސަމާލުނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ ފަތިހު 4:45 އިން ފެށިގެން ހެނދުނު 08:45 އާ ހަމައަށެވެ.
މެޓުން ބުނެފައިވަނީ އެވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ފެންބޮޑުވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެެވެ.
މީގެއިތުރުން ރާއްޖޭގެ މިއަދުގެ މޫސުން ލަފާކުރައްވާ މެޓު އޮފީހުން ބުނެފައިވަނީ މިއަދު ހަވީރު 18:00 އާ ހަމައަށް މެދުރާއްޖެ ތެރޭގެ އެކިހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
އަދި ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނު އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މެލޭ ދެމެދު ބާރު މިނުގައި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މެލޭ ދެމެދު ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
ހަމައެއާއެކު ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ބުންޏެވެ.
އެހެން ކަމުން އެންމެން ވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.