މި ހިނގާ ޖޫން މަސް ނިމުމުގެ ކުރީން ނ. މަނަދޫ އަތޮޅު ހޮސްޕިޓަލުގެ އައުއިމާރާތް އަލުން ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫނު އެ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައިވާ ސަބަބާ ބެހޭ ގޮތުން ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ އެމަސައްކަތް ހުއްޓިފައިވަނީ އައު އިމާރާތުގެ މަސައްކަތަށް ހުށައަޅާފައިވާ އަގުތައް ބޮޑުވުމުންކަމަށެވެ.

މިއީ އެ ހޮސްޕިޓަލުގެ ޖާގަ އިތުރު ކުރުމަށް އަޅާ އިމާރާތެކެވެ. އައު އިމާރާތުގައި އޯޕީޑީ 6 ކޮޓަރިއާއި ލެބޯޓަރީއެއް މިހާރުވަނީ އިމާރާތްކޮށް ނިމިފައި ކަމަށެވެ. މިތަނަށް ބޭނުނންވާ ފައިސާ ވަނީ ދިވެހިބޭންކުން ހަމަޖެހިފައެވެ. ތަނުގެ ޑިޒައިނިން މަސައްކަތްވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. މި މަޝްރޫއަށް ސަޔަރަ މިލިއަން ރުފިޔާވަނީ ބަޖެޓުކޮށްފައެވެ.