ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުން ޚިދުމަތް ހޯދުމަށް އުފުލަން ޖެހިފައި އޮތް ބުރަ އިންތިހާއަށް ބޮޑު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ފޭސް ދެއަކަށް ބަހުގެ ޚިދުމަތް ތައާރަފް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ހުޅުމާލޭ ފޭސް 2ގައި ޚާއްޞަކޮށް، ހިޔާ ފްލެޓްތަކުގައި ދިރިއުޅެން މީހުން ފެށިއިރުގައި، އެ ތަނަށް ބޭނުންވާ ވަރަށްގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭން ޖެހިފައި އެބަހުރި ކަމަށެވެ. އެއީ އެ ތަނުގައި ދިރިއުޅޭ ރައްޔިތުންގެ ދަރިންނަށް ތަޢުލީމު ދިނުން ކަމަށްވިޔަސް، އަދި ޞިއްޙީ ޚިދުމަތް ދިނުން ކަމަށްވިޔަސް، އަދި އެހެނިހެން ޚިދުމަތްތައް ހޯދަންޖެހުނު ކަމުގައިވިޔަސް، ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަސާސީ ޚިދުމަތްތަކާއި، ޒަރޫރީ ބޭނުންތައް ވީހާވެސް އަވަހަކަށް އެ ތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ސަރުކާރާއި އަދި ހުޅުމާލެ ހިންގުމާ ހަވާލުވެ އޮތް އެޗް.ޑީ.ސީ.އާއި އަދިވެސް ދައުލަތުގެ އެހެން ހުރިހާ މުއައްސަސާތަކުން ބުރަ މަސައްކަތްތަކެއް ފެއްޓެވި ކަމަށެވެ. އަދި އެ ޚިދުމަތްތައް ރައްޔިތުންނަށް އަވަހަށް ފޯރުކޮށް ދެއްވުމަށް ވެސް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

"ހުޅުމާލޭ ފޭސް 2 އަށް، ކުރިންވެސް ދެންނެވި ފަދައިން، ބޭނުންވެފައި ހުރި ޚިދުމަތްތަކުގެ ތެރޭގައި، ސްކޫލާއި، މިސްކިތާއި، ޞިއްޙީ ޚިދުމަތާއި އަދި މަގުތައް ހެދުމާއި، ދަތުރުފަތުރުގެ ނިޒާމު އޮތީ ނުހަނު ބޭނުންޖެހިފައި،" ރައީސް ވިދާޅުވިއެވެ.

މިރޭ ފެށިގެން ދިޔަ ޚިދުމަތާ ބެހޭ ގޮތުން ރައިސް ވިދާޅުވީ އެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކާއި ލުއިތަކެއް ލިބިގެންދާނެ ޚިދުމަތެއް ކަމަށެވެ. "ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިގެންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން، މި ސަރަޙައްދުގައި ދިރިއުޅޭ ޢާއިލާތަކުގެ ދަރިންނަށް ތަޢުލީމު ޙާޞިލުކޮށްދިނުމަށްޓަކައި ބޭނުންވާ ސްކޫލްތައް އެޅުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. ހުޅުމާލޭ ފޭސް 2 ގައި 8 ސްކޫލަކާއި، އިތުރު 2 ޕްރީސްކޫލް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި. އޭގެތެރެއިން މިހާރު 1 ސްކޫލާއި، 2 ޕްރީސްކޫލްގެ މަސައްކަތް ނިމި، މިހާރުވަނީ ހުޅުވިފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ކުރިއަށްދާ ޞަލާޙުއްދީން ސްކޫލްގެ މަސައްކަތް އިރާދަކުރެއްވިއްޔާ، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހުޅުވި، ކުދިންނަށް ސްކޫލަށް ދެވޭވަރު ކުރެވޭނެ ކަމަށެވެ. އަދި އިތުރަށް ކުރިއަށްދާ ޕްރީސްކޫލްގެ 2 ސްކޫލް، 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރެއަށް ނިންމައި ޚިދުމަތް ދެވޭވަރުވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.