ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވޭނީ މި އަހަރުގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ލިބިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނުގައި ބުނާގޮތުން އިންތިޚާބު ބާއްވަން ވާނީ ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށް ސަރުކާރުން އިއުލާނުކުރާތާ ހަތް ދުވަހުގެ ތެރޭގައެވެ.

ނަމަވެސް ކޮވިޑް-19 ގެ ހާލަތުން އަރައިގަނެވޭނެ ދުވަހެއް އަދި އެނގިފައެއް ނުވެއެވެ. އެހެންކަމުން ގާނޫނުގައި އެހެން އޮތުމަކީ އިންތިޚާބު މާޗްގައި ބާއްވަން އޮތް ގާނޫނީ ހުރަހެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މާޗް މަހު އިންތިޚާބު ބޭއްވުމަށްޓަކައި އެޗްޕީއޭގެ ޚާއްސަ އެންގުމެއް ބޭނުންވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ 15ގެ ކުރިން މިހާރު އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވިދާނެކަން އާންމުކޮށް އަންގައި އެޗްޕީއޭ އިން އިއުލާނުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނޫނީ މާޗް މަހުގެ ތެރޭގައި އިންތިޚާބު ނުބޭއްވޭނެއެވެ.

ކައުންސިލް އިންތިޚާބުގައި 2000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، އޭގެތެރެއިން ބައެއް ފަރާތްތަކުން އަންނަނީ ނަން އަނބުރާ ނަގަކުންނެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެފައިވާތީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ކައުންސިލަރުންގެ ދައުރު މިހާރު ވަނީ ދިގު ދަންމާފައެވެ.