ޖަޕާނުގެ ޓޯކްޔޯގައި ކުރިއަށްދިޔަ "ޕެސިފިކް އެމްފިބިއަސް ލީޑަރސް ސިމްޕޯޒިއަމް" ގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސް އަދި ޔޫއެސް މެރިން ކޯރ ފޯސަސް، ޕެސިފިކްއިން ގުޅިގެން ޖޫން މަހުގެ 13 އިން 16 އަށް ކުރިއަށް ގެންދިޔަ މި ސިމްޕޯޒިއަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އިންޑޯ ޕެސިޕިކު ސަރަހައްދުގެ މަސްލަހަތާއި ސުލްހަ ދެމެހެއްޓުމުގައި އެމްފިބިއަސް ފޯސްތަކުން އަދާކުރާ ދައުރުގެ މައްޗަށެވެ. މިގޮތުން، ދިމާވާ ބޮޑެތި ޤުދުރަތީ ކާރިސާތަކާއި ހާދިސާތައް އަދި ކްރައިސިސްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެއްޤައުމު އަނެއް ޤައުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. އަދި، މެރިޓައިމް ޑޮމެއިންއަށް ހޭލުންތެރިކުރުމާއި، ދިމާވާ ގޮންޖެހުންތަކުގައި އޮޕަރޭޝަނަލް މާހައުލަށް އެމްފިބިއަސް ފޯސަސްތައް ބިނާކުރުމާއި، އެތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ގިނަބައެއްގެ އެއްބާރުލުން ހޯދައިގެން އޮޕަރޭޝަންތައް ހިންގުން ފަދަ މަޢުޟޫތަކަށް ޕެނަލް ޑިސްކަޝަންތައް ވަނީ ބާއްވާފައެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ސިމްޕޯޒިއަމްގައި ދިވެހިރާއްޖޭގެ އިތުރުން ޖަޕާން، ޔޫއެސް، އޮސްޓްރޭލިއާ، ބްރޫނާއި، ކެނެޑާ، ޗިލީ، ފީޖީ، ފްރާންސް، އިންޑޮނޭޝިއާ، ނިއުޒީލަންޑް، ޕެރޫ، ފިލިޕީންސް، ރިޕަބްލިކް އޮފް ކޮރެއާ، ސިންގަޕޯރ، ސްރީލަންކާ، ތައިލޭންޑް، ޔޫކޭ، އަދި ޓީމޯ ލެސްޓްގެ އަސްކަރީ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ސިމްޕޯޒިއަމްގެ ހަވާސާގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސްގެ ޗީފް އޮފް ސްޓާފް، ޖެނެރަލް ޔޮޝީޑާ ޔޮޝިހައިޑާއި ޔޫއެސް މެރިން ކޯރ ފޯސަސް، ޕެސިފިކްގެ ކޮމާންޑަރ، ލެފްޓިނެންޓް ޖެނެރަލް ސްޓީވެން އާރް ރަޑަރއާއެކު ބައިލޭޓްރަލް މީޓިންގތަކެއް ބާއްވަވާފައެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖަޕާނަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް ޙަސަން ޝާހިދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޚަބަރާއި ފޮޓޯ އެމްއެންޑީއެފް