މާލޭ ހުކުރު މިސްކިތުގެ މުންނާރާއި ވަޅުފަދަ ތަންތަން ބެލެހެއްޓުމާ ސްޓެލްކޯއިން މިއަދު ހަވާލުވެއްޖެއެވެ.

މިއީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން އެކުންފުނީން ފެށި މަސައްކަތެކެވެ. މި މަސައްކަތް ފެށުމަށް ހުކުރު މިސްކިތް ސަރަހައްދުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ޝަރީފް އާދަމް ވިދާާޅުވީ ސްޓެލްކޯއަކީ ރައްޔިތުންގެ ކުންފުންޏެއް ކަމަށެވެ. ކުންފުންޏަށް އާމްދަނީ ލިބެނީ ވެެސް ރައްޔިތުންގެ ފަރާތުންކަމަށް އޭނާ ވިދާޅުވިއެވެ. "އެގޮތުން ސްޓެލްކޯގެ ވަރަށްބޮޑު އިޖުތިމާއީ ޒިންމާއެއް އޮވޭ. އެ އިޖުތިމާއީ ޒިންމާގެ ދަށުން އަޅުގަނޑުމެންނަށް މިލިބޭ އާމްދަނީ މި ޚަރަަދުކުރަނީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ގިނަކަންތައްތަކަށް. އެގޮތުން އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެެންގެ އިސްލާމީ ތާރީޚީ ތަރިކަ ރައްކާތެރިކުރުމަކީ ހުރިހާ ރައްޔިތުންގެ ވެސް ޒިންމާއެކޭ. އިޖުތިމާއީ ޒިންމާގެ ދަށުން ތާރީޚީ ތަންތަން ރައްކާތެރި ކުރުމުގެ ގޮތުން އަޅުގަނޑުމެންގެ މުވައްޒަފުން އެމަސައްކަތް މިކުރަނީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިޖުތިމާއި ޒިންމާގެ ދަށުން މުންނާރާއި ހުކުރު މިސްކިތުގެ ވަޅުތަކާއި އެކަހަލަ ބައެއް ތަންތަން ދާއިމީ ގޮތެއްގައި ބެލެހެއްޓުމަށް އެކުންފުނީން ހަވާލުވާނޭ ކަމަށެވެ. އޭގެ އިތުން ވެސް ތާރީޚީ ބައެއް ތަަންތަން ބެލެހެއްޓުމާއި މަރާމާތު ކުރުން މީގެ ފަހުން ސްޓެލްކޯގެ ފަރާތުން ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

2019ވަނަ އަހަރުން ފެށިގެން، އެ ކުންފުނިން ދަނީ މާލޭގެ ހުކުރު މިސްކިތާއި ،މެދުޒިޔާރަތުގެ އާބާތުރަފިލުވައި ސާފުކޮށް ބަލަހައްޓައިދެމުންނެވެ. މިއަދު ގެ މިޕްރޮގްރާމް ފަށްޓަވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ޔުމްނާ މައުމޫން އާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ.