ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް މިހާރުވަނީ ނިމިފައި ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވީ މިހާރު ކުރިއަށްދަނީ ހާބަރ ޕޭވްމަންޓްގެ ކާސްޓިންގ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވެސް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫޢަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.