ފ. ނިލަންދޫ ޗިލްޑްރެންސް ހޯމްއެއް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެ މަަސައްކަތް ހަވާލުކޮށްފައިވަނީ މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަންއާއެވެ.

މި މަސައްކަތް ނިންމަން އެކުންފުނީން ދީފައިވަނީ 8 މަސް ދުވަހެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ ފަނަރަމިލިއަން ތިންލައްކަ އަށާރަހާސް ފަސްސަތޭކަ ސަތާރަ ރުފިޔާ ނުވަދިހަ ދެ ލާރި އަށެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއެވެ. މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަލީ އިސްމާޢީލްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އާއި މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަންގެ އިސް ފަރާތްތަކުގެ އިތުރުން ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، މި ޗިލްޑްރެންސް ހޯމްގެ މަސައްކަތް ކޮންޓްރެކްޓްގައިވާ ތާރީޚަށް ނިންމުމަށް އެދިވަޑައިގަންނަވާ ކަމަށާއި، މި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް މިނިސްޓްރީގެ ފަރާތުން ވެދެއްވެންހުރި އެހީތެރިކަން ދެއްވާނެ ކަމަށެވެ. މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވި މެނޭޖިންގ ޑިރެކްޓަރ ޢަލީ އިސްމާޢީލް ވަނީ ކޮންޓްރެކްޓްގައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މި ޗިލްޑްރަންސް ހޯމްގެ މުހިންމުކަން ފާހަގަކުރައްވައި، މިއީ ފ. އަތޮޅު އަދި އެ ސަރަހައްދުގައިވާ އެހެން އަތޮޅުތަކުގެވެސް ރައްޔިތުން ދެކެންބޭނުންވާ ދުވަހެއްކަން ކައުންސިލް ރައީސް ޢަލީ އަޙްމަދު ވިދާޅުވިއެވެ.

ފ.ނިލަންދޫގައި ގާއިމްކުރެވޭ ޗިލްޑްރެންސް ހޯމްއަކީ ޖުމްލަ 28 ކުދިންނަށް އިޖްތިމާޢީ ޚިދުމަތް ދިނުމާއި ބޭނުންވާ އޮފީސް ހިމެނޭގޮތަށް އިމާރާތްކުރެވޭ ތަނެކެވެ.