މާލެ އަތޮޅު މާފުށީގައި އުފެދޭ ކުނި މެނޭޭކު ކުރުމަށް ސްޓެލްކޯއިން ހަވާލުވެެއްޖެއެވެ. އެރަށަކީ ލޯކަލް ޓޫރިޒަމަށް ފައްކާވެފައިވާ މަޝްހޫރު ރަށެކެވެ. މި ޚިދުމަތާއެކު ސްޓެލްކޯ ވެގެންގޮސްފައިވަނީ ޔުޓިލިޓީގެ ހުރިހާ ޚިދުމަތެއް ރާއްޖޭގައި ފޯރުކޮށްދޭ ހަަމައެކަނި ކުންފުންޏަށެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކުނިމެނޭޖު ކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ވޯޓާ، ސްވަރޭޖް އެންޑް ވޭސްޓްމެނޭޖްމަންޓް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝަފީއެވެ. މާފުށީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙަސަން ޞަލާހެވެ.

މި ޚިދުމަތް ފެށުމާއެކު ސްޓެލްކޯގެ އެމްޑީ ޝަރީފް އެކަން ފާހަގަކޮށްފައިވަނީ ޝަރަފުވެރި ކަމެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ސިޔާސަތަކީ އެއްފުރާޅެއްގެ ދަށުން ރާއްޖޭގައި ހުރިހާ ޔުޓިލިޓީ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އެކަން އެކުންފުންޏަށް މިއަދު ހާސިލްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު މިއަދު ވެގެން ގޮސްފައިވަނީ ތާރީޚީ ދުވަހަކަށް ކަމަށް ވެސް ވިދާޅުވިއެވެ. އެރަށުގައި ކުނި މެނޭޖު ކުރުމަށް ރަނގަޅު ފެންވަރެއްގެ ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއީ ޕައިލެޓް ޕްރޮޖެކްޓަކަށް ވިޔަސް ކުރިއަށް އޮތްތަނުގައި އެހެން ރަށްރަށުގައި ވެސް މިޚިދުމަތް ފަށާނޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.