ޔުއެފާ ޗެމްޕިއަންސް ލީގް ގްރޫޕް ބީ އިންޓަމިލާނުގެ މައްޗަށް ރޭ 2-0 އިން ކުރި ހޯދައި ދެވަނަ ބުރުން ޖާގަ ހޯދުމުގެ އުއްމީދު ރެއާލް މެޑްރިޑުން ދަމަހައްޓައިފިއެވެ.
އިންޓަގެ ދަނޑުގައި ކުޅުނު މިމެޗުގައި ރެއާލްއިން ލީޑް ނެގީ މެޗުގެ ހަތް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ބެލްޖިއަމްގެ ތަޖުރިބާކާރު ވިންގަރ އެޑިން ހަޒާޑެވެ. ދެވަނަ ލަނޑަކީ 59 ވަނަ މިނެޓުގައި މޮރޮކޯގެ އުއްމީދީ މިޑްފީލްޑަރު އަސްރަފް ހަކީމީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަސްރަފް ހަކީމީއަކީ ރެއާލްއިން ދޫކޮށްލުމުން މިސީޒަނުގައި އިންޓައާ ގުޅުނު ކުޅުންތެރިއެކެވެ.
އަނިޔާގެ ސަބަބުން ކެޕްޓަން ސާޖިއޯ ރާމޮސް އާއި މުހިއްމު ފޯވާޑް ކަރީމް ބެންޒެމާ ނުލައި ކުޅުނު ރެއާލްއިން ވަނީ މެޗް ފެށިގެން ނިމެންދެން މެޗް ކޮންޓްރޯލްކޮށް އިންޓަގެ ގޯލަށް އަމާޒުކޮށް ސާދަ ހަމަލާ ފޮނުވާލާފައެވެ. ދެވަނަ ބުރުން ޖާގަ ހޯދުމުގެ އުއްމީދު ދެމެހެއްޓުމަށްޓަކައި މޮޅުވުން މަޖުބޫރު މިމެޗުގައި އިންޓައަށް ރެއާލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައި ވަނީ އެންމެ ހަމަލާއެކެވެ.
މެޗަށްފަހު ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ މެޗަށް ނުކުތީ ފައިނަލެއް ކަމުގައި ދެކިގެން ކަމަށެވެ. "ކުރިންވެސް އެނގޭ މެޗް ފަސޭހަ ނުވާނެކަން. ފައިނަލެއް ކަމުގައި ބަލައިގެން މެޗަށް ނިކުތީ. އަދި މިހިސާބުން ނިންމާލެވޭކަށް ނެތް. ބާކީ އޮތީވެސް ދެފައިނަލް" ރެއާލްއަށް 3 ފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދީފައިވާ ކޯޗް ޒިދާން ބުންޏެވެ.
ރެފްރީގެ ނިންމުންތަކާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރެ އިންޓަގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ ޕެނަލްޓީއަށްފަހު މެޗުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ވިދާލްއަށް ރަތްކާޑް ދެއްކުމުން އިންޓަގެ ކޮޅަށް ނަތީޖާ އަނބުރާލުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ. ވިދާލް ރަތް ކާޑް ދެއްކީ މެޗުގެ 33 ވަނަ މިނެޓުގައެވެ.
މިމޮޅާއެކު ރެއާލް ވަނީ 7 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. ދެޕޮއިންޓާއެކު އިންޓަ އޮތީ ގްރޫޕުގެ ފުލުގައެވެ. މިގްރޫޕުގެ އެއްވަނައިގައި 8 ޕޮއިންޓާއެކު އޮތީ ޖަރުމަނުގެ މޮންޗަންގަލަބަޗެވެ. ޔޫކްރައިނުގެ ޝަކްތާ ޑޮނެސްކް ހަތަރު ޕޮއިންޓާއެކު އޮތީ ތިންވަނައިގައެވެ.