މީގެ ފަސް އަހަރު ކުރިން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއިން ވަކިކުރި އަށް މީހެއްގެ ވަޒީފާ އިޔާދަކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހިމެނޭ 8 މީހުން 2015 ވަނަ އަހަރު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޑިފެންސް މިނިސްޓްރީއަށް، އެމްއެންޑީއެފް އަދި ފުލުހުން ދީފައިވާ ސިއްރު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އޭރު ބުނެފައިވެއެވެ.

ވަޒީފާއިން ވަކިކުރި މީހުން މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް 2015 29 ނޮވެމްބަރުގައު ހުށައެޅުމުން، ޓްރައިބިއުނަލްއިން ނިންމީ އެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ޙިލާފަށް ކަމަށާ ވަޒީފާ އަނބުރާ އިޔާދާކުރުމަށެވެ. އަދި، އެ މުއްދަތުގެ ތެރޭގައި ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ފައިސާ ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަންގާ އަމުރުކޮށްފައިވެއެވެ.

މި މައްސަލައިގައި ޓްރައިބިއުނަލްއިން ނިންމި ނިންމުން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ ވަޒިފާ އިޔާދަކޮށްދޭން އޮތް ބައި ބާތިލުކޮށް، ބަދަލުގެ ގޮތުގައި ދޭންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ފައިސާ، އެ ހުކުމްކުރި ތާރީހުން (10 އޮކްޓޫބަރު 2018) ފެށިގެން މަސް ދުވަހުގެ ތެރޭގައި، ވަޒީފާއިން ވަކިކުރި ފަރާތްތަކަށް ދިނުމަށް ހައި ކޯޓުން ހުކުމްކުރިއެވެ.

ވަޒީފާދޭ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ޙިލާފަށް ކަމަށް ހައި ކޯޓުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުންވެސް ވަނީ އިއްތިފާގުވެފައެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ހުކުމުގައި ވަނީ، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ އިތުބާރު ގެއްލެންޖެހޭފަދަ ސަބަބެއް އޮތްކަން ލިޔެކިޔުންތަކުން ފާހަގަވެފައި ނުވާ ކަމަށާ އަދި އެ ފަރާތްތައް ވަޒީފާއިން ވަކިކުރި އިންޓެލިޖެންސް ރިޕޯޓުގައި އޮތީ ކޮން މައުލޫމާތެއްކަން އެނގެން ނެތްކަމަށްވެސް ހުކުމުގައިވެއެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔުގައި ވަނީ، މި މައްސަލައިގައި ވަޒީފާއިން ވަކިކުރި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ އަދުލުވެރިކަމެއް ގާއިމުކުރެމެއް ނެތި ކަމަށް ބަޔާންކޮށްފައެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތްތަކުގެ ހައްގުތައް ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ. ޝުޖޫންގެ ރައުޔަށް މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ފަނޑިޔާރު ޑރ. އަޒްމިރާލްޒާ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއީދުކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ، މި މައްސަލަ ހިނގާފައިވާތާ ފަސް އަހަރުވެފައި ވުމުން، ބަދަލު ނަގާދެވިދާނެ މިންވަރާމެދު ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށާ މި މައްސަލައިގައި ބަދަލުގެ ގޮތުގައި ނަގައިދޭނެ އަދުލުވެރި އަދަދެއް ކަނޑައަޅާނީ ޓްރައިބިއުނަލުން ނުވަތު ޝަރުއީ ކޯޓަކުން ކަމަށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން އެ މައްސަލައިގައި ބަދަލުގެ އަދަދު ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ އެއީ ނިހާއީ ހުކުމެއް ކަމަށާއި، އެ ނިންމުން އިސްތިއުނާފުކުރެވޭނެ ގޮތެއް ނެތަތީ އެއީ އަދުލުވެރި ގޮތެއް ނޫން ކަމަށް ވަނީ ބަޔާންކޮށްފައެވެ.