ޙަޤީޤީ ސިފައިންގެ މީހާ ހަތިޔާރު ނަގަނީ އޭނާގެ ކުރިމަތީގައިވާ މީހާއަށް ކުރާ ނަފްރަތެއްގެ ސަބަބުން ނޫންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ ވިދާޅުވީ އޭގެ ބަދަލުގައި ހަތިޔާރު ނަގަނީ އޭނާ އެ ބިމަކަށް އަލަތު ނޭވާލި އުފަން ފަސްގަނޑާއި، އެފަސްގަނޑުގައި ދިރިއުޅޭ އޭނާގެ ލޮބުވެތި މައިންބަފައިންނާއި އާއިލާއާއި ރަޙްމަތްތެރިންނާއި އަވަށްޓެރިންނާއި ދިވެހި ލޭ ހިނގާ މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްޤުގައިކަމަށް ވިދާޅުވިއެވެ.

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސިފައިންގެ މީހަކު ފެނުމުން، ކޮންމެ ރައްޔިތަކަށްވެސް މިނިވަން ދިވެހި ދިދަޔާއި އެދިދައިން ލިބޭ ފިނި ހިޔަލުގެ ފޮނިކަން އިހްސާސް ކުރެވެންވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ރައީސް ސާލިހު ޤައުމާ މުޚާތަބުކުރައްވައި ވިދާޅުވި ފަދައިން، މިދިޔަ 2 އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ޙައްޤަކީ އަދި ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ، ހަމަޖެހުމާއި ސުލްޙަ މަސަލަސްކަމާއެކު، ދިރިއުޅެވޭނެ މާޙައުލެއް މިޤައުމުގައި ޤާއިމުކޮށްދެވުން ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް، ސިފައިން މަސައްކަތްކުރަމުންދާނީ، މިސުލްޙަވެރި، އަމާން މާޙައުލު، ދަމަހައްޓައި ނަގަހައްޓައި ދިނުމަށް ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި، ސިފައިންނަށް ހޯދައިދެވުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ، ސިޔާސީ ނުފޫޒުން ދިފާޢީ މުއައްސަސާ އެއްކިބާކޮށް، ސިފައިންގެ ކަންކަމުގައި ސިފައިންގެ ޚިޔާލާއި މަޝްވަރާއަށް ފުރުސަތު ހުޅުވާލައި، އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މާޙައުލަކަށް ޖާގަދީ، ސިފައިންގެ ތެރޭގައި ޢަދުލު އިންސާފު ޤާއިމްކުރުންކަމަށް ވިދާޅުވިއެވެ. މިއަދު، ސިފައިންގެ ކޮންމެ މީހަކަށްވެސް ކުރިއެރުން ޙާސިލްކުރެވޭނީ، ހަމައެކަނި އޭނާގެ ހިތްވަރާއި ފަންވަރާއި މަސައްކަތުން ނަތީޖާ ނެރެގެންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ހުރިހާ ދާއިރާއެއްގައިވެސް މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން، އަސާސީ ތަމްރީން ކޯސް ފުރިހަމަކުރާ އަންހެން ސިފައިންގެ ނިސްބަތް، މިދިޔަ 2 އަހަރުދުވަހުގެ ތެރޭގައި، 2 ގުނަ އިތުރުވެފައިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ދިފާޢީ މައި ތަނބުކަމަށްވާ ދިވެހި ސިފައިންގެ ސަފުތައް މިއަދު ވަރަށް ބަދަހިކަމަށާއި، ރައްޔިތުންނަށް ޚިދުމަތްދިނުމުގައި، އެއްވެސް ތަފާތުކުރުމެއްނެތި އަދި ރައްޔިތުންނާ ވަރަށް ގާތުން ސިފައިން މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ދިވެހި ޤައުމީ ދިފާޢީ ބާރާ 97 ސިފައިން އަލަށް ގުޅިފައިވެއެވެ. ޅ.މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފްގެ ދަ ބޭސިކް ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.