ނ ކެނދިކުޅުދޫގައި ޤާއިމްކުރާ ގޭދޮށު މަސް ފެކްޓްރީގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެފަރާތެއް ހޯދުމަށް ދެވަނަފަހަރަށް އިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ދެވަނަ ފަހަރަށް މިކަމަށް އިއުލާން ކުރީ ކުރިން ކުރި އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ކަމަށް ވިދާޅުވެެއެވެ.

މިމަސައްކަތަށް އެކަށީގެންވާ ބަޔަކު ހޮވުމަށް ބާއްވާ ބީލަމުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަންޏެވެ. މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ފީއެއްގެ ގޮތުގައި ފަސް ސަތޭކަ ރުފިޔާ ދޭންޖެހެއެވެ. މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ތިރީސް ހާސް ރުފިޔާ ދައްކަންޖެހެއެވެ.

މި ފެކްޓްރީގެ ބިޑު ހުޅުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައިމަހު ތިނެއްވާ އާދިއްތަ ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައެވެ.