ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މިހާރު އުފުލާފައިވާ ދެ ދައުވާއާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ އޯޑިއޯތައް އަޑުއެހުމަށް ކަރެކްޝަނަލް ސާވިސް އިން ދިން ލެޕްޓޮޕް "ބަގް" ކުރަން ޑިވައިސްއެއް ހަރުކޮށްފައިވާ ކަމަށް ޔާމިންގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއާ ގުޅިގެން ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލައާ ގުޅޭގޮތުން ފަނޑިޔާރުން ސުވާލުކުރެއްވުމުން ރައީސް ޔާމިން ވިދާޅުވީ މައްސަލައާއި ގުޅިގެން ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ހުރިހާ އޯޑިއޯތަކެއް އަޑު އެހުމުގެ ފުރުސަތު ލިބި ވަޑައިގެންފައި ނުވާ ކަމަށާ އެ ފުރުސަތު ކަރެކްޝަނުން ފަހިކޮށްދީފައި ވެސް ނުވާ ކަމަށެވެ. ވަކީލުންގެ ޓީމުން ބުނީ މި މައްސަލަ އާއި ގުޅޭ ހުރިހާ ލިޔެ ކިޔުމެއް މިހާތަނަށް ލިބިފައި ނުވާކަން ސިޓީއަކުން ރޭގެ ވަގުތެއްގައި ކޯޓަށް އަންގާފައި ވާނެ ކަމަށެވެ.

އަދި ދައުލަތުން ހުށަހަޅާފައިވާ އޯޑިއޯގެ ކޮޕީ އެއް ލިބިވަޑައިގެން ނަމަވެސް މި އޯޑިއޯ އަޑުއެހުމަށް ދަތިތަކެއް ހުރި ކަމަށެވެ.

އެގޮތުން އަމިއްލަ ލެޕްޓޮޕް ހިފައިގެން ޖަލަށް ވަޑައި ނުގަނެވޭތީ ކަރެކްޝަނުން ދިން ލެޕްޓޮޕަކަށް އެ ޑިވައިސް ޖަހައިގެން ބޭނުންކުރަން ދަތިތަކެއް ދިމާވި ކަމަށް ވަކީލުން ފާހަގަ ކުރިއެވެ. އަދި ކަރެކްޝަނުން ދިން ލެޕްޓޮޕް ބަގް ކުރުމަށް ބަގިން ޑިވައިސްއެއް ހަރުކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ވަކީލުން ވަނީ ކުރައްވާފަ އެވެ.

ވަކީލުންގެ އަމިއްލަ ލެޕްޓޮޕް ހިފައިގެން ޖަލަށް ވަދެވޭނެ ގޮތް ހަދައި ދިނުމަށާ ވަކީލުންނާއި ބައްދަލުކޮށް މަޝްވަރާ ކުރެވޭނެ އެކަށިގެންވާ އިންތިޒާމެއް ހަމަޖައްސައިދީފައި ނުވާ ކަމަށާއި އެކަން ހަމަޖައްސައިދިނުމަށް ރައީސް ޔާމީން ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މިކަމާ ގުޅިގެން ގާޒީ ވިދާޅުވީ މިހާރު ޝަރީއަތްތަކަށް އަމިއްލަ ލެޕްޓޮޕާއި ފޯނުފަދަ ތަކެތި ވެއްދުމުގެ ހުއްދަ ދީފައިވާ ކަމަށާއި އެހެން ކަމުން ކޯޓުގެ ޝަރީއަތް ކުރާ ކޮޓަރިއެއްގައި އެމަނިކުފާނާއި ވަކީލުންނާއި ބައްދަލު ކުރެވޭނެ ކަމަށެވެ. އަދި އެ ކޮޓަރީގައި އިތުރު އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި ކެމެރާއެއް ވެސް ހަރުކޮށްފައި ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ޖަލުގައި ހުންނަ ވަކީލުންނާއި ބައްދަލު ކުރައްވާ ކޮޓަރިއަށް އަމިއްލަ ލެޕްޓޮޕާއެކު ވަޑައިގެން މި މައްސަލައިގައި ހުށަހަޅާފައިވާ އޯޑިއޯތައް އަޑު އައްސަވައި އެހެނިހެން ލިޔެކިޔުންތައް ވެސް ދިރާސާ ކުރެއްވުމަށް ކަމަށެވެ. އެގޮތަށް ހަމަޖައްސައި ދެއްވުމަށް ކޯޓުން ދައުލަތަށް އަންގަވައި ދެއްވުމަށް ވެސް އެދިވަޑައިގަތެވެ.

އެހެން ކަމުން މަދުވާ ލިޔުންތައް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއެކު އަމިއްލަ ލެޕްޓޮޕް ހިފައިގެން ޖަލަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަރެކްޝަނަލްގައި އެދޭނެ ކަމަށް ދައުލަތުން ބުންޏެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ އަހުމަދު ޝަކީލެވެ. މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ މި މައްސަލައިގައި ދެން އަޑުއެހުމެއް އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 2:00 ޖަހާއިރަށް ތާވަލް ކޮށްފައިވާކަން އިއުލާން ކުރެއްވުމާއެކު އެވެ.