ނިމިދިޔަ 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ 30 ޖޫން 2022 ކަމުގައި ވާތީ، މި ތާރީޚުގެ ކުރިން ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ. މި ގޮތުން، ބޭންކުތަކާއި އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތްތަށް ފިޔަވައި އެހެން ފަރާތްތަކުން އިންކަމް ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅަންޖެހެނީ MIRA 604 ފޯމެވެ.
އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާދައްކަންޖެހެނީ ވަކި ޝަރުތުތަކެއް ހަމަވާނަމައެވެ. މި ޝަރުތަކަކީ ކޮބައިތޯ ދެނެގަތުމަށް އެހީތެރިވުމުގެ ގޮތުން، މީރާގެ ވެބްސައިޓުގައިވާ އިންޓަރެކްޓިވް ގައިޑް ބޭނުންކުރެވިދާނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ. އިންކަމް ޓެކްސްއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އަންނަނިވި ޝަރުތުތައް ހަމަވާނަމަ، އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ނުޖެހޭނެ ކަމަށް މީރާއިން މަޢުލޫމާތުދެއެވެ.
2020 އަދި 2021 ވަނަ އަހަރުގެ ޖުމުލަ އާމްދަނީ 2 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާ އަދި 2020 އަދި 2021 އަހަރުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000 ރުފިޔާއަށް ވުރެ އިތުރު ނުވާ ފަރުދުން 2021 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވާނެއެވެ.
ފަރުދަކަށް 2021 ވަނަ އަހަރު ލިބުނު ޖުމުލަ އާމްދަނީއަކީ ވަޒީފާދޭ އެންމެ ފަރާތަކުން ލިބުނު އުޖޫރަ ކަމުގައިވާނަމަ، އެ ފަރާތުން 2021 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.
2020 އަދި 2021 އަހަރުގެ ޖުމުލަ އާމްދަނީ 2 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާ އަދި 2020 އަދި 2021 އަހަރުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000 ރުފިޔާއަށް ވުރެ އިތުރު ނުވާ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކުން 2021 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވާނެއެވެ.
2020 އަދި 2021 އަހަރުގައި އެއްވެސް އާމްދަނީއެއް ލިބިފައިނުވާނަމަ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކުން 2021 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.
2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން، ޓެކުހުގެ އަދަދު ހިސާބުކުރުމުގައި އަދި އިންކަމް ޓެކްސް ބަޔާންހުށަހެޅުމުގައި އަންނަނިވި ކަންތައްތަކަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކުރެއެވެ.
އިންކަމް ޓެކްސް ބަޔާނާއެކު މަލީ ހިސާބުތައް ހުށަހަޅަންޖެހޭނީ ހަމައެކަނި ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުންނެވެ.
ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުން، އެ ފަރާތުގެ ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ، އިންކަމް ޓެކްސް ބަޔާނާއެކު އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަންޖެހޭނެއެވެ.
އުޖޫރަ ލިބޭ ފަރާތްތަކުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރަންވާނީ، ފައިސާ އާއި ފައިސާއިން ނޫންގޮތަށް ލިބިފައިވާ އިނާޔަތާއި މަންފާ ހިމަނައިގެންނެވެ.
އުޖޫރަ ލިބޭ ފަރާތްތަކުގެ ތެރެއިން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިވާ ފަރާތްތަކުން، އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނަމަ، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، އެ ގޮތުން ޓެކްސް އުނިކޮށްފައިވާ އުޖޫރައިގެ އަދަދު ވެސް ހިމަނައިގެންނެވެ. އެހެންނަމަވެސް ދައްކައިފައިވާ ވިތުހޯލްޑިންގ ޓެކްސްގެ އަދަދު، މުޅި އަހަރަށް ދައްކަންޖެހޭ ޓެކުހުގެ އަދަދުން ކެނޑޭނެއެވެ.
މީގެ އިތުރުން، އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމަކީ އޮންލައިކޮށް ކުރެވޭ ކަމެއް ކަމަށް ވެފައި، ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށްވެސް މީރާ ކަނެކްޓް އެކައުންޓް ދޫކޮށްފައިވާތީ، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުންވެސް އޮންލައިން ޚިދުމަތް ބޭނުންކުރުމަށް އިސްކަންދިނުމަކީ މީރާގެ ވަރަށް ބޮޑު އެދުމެކެވެ. އަދި، ފަރުދުންގެ ތެރެއިން ހަމައެކަނި އުޖޫރައިން އާމްދަނީ ލިބޭ ފަރާތްތައް، ނުވަތަ ހަމައެކަނި ނުއުފުލޭ މުދާ ކުއްޔަށް ދީގެން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ޚަރަދުގެ ގޮތުގައި ކުލީގެ 20% އުނިކުރާ ފަރާތްތައް، ނުވަތަ ހަމައެކަނި މި ދެ ބާވަތުން އާމްދަނީ ލިބޭ ފަރާތްތަކުން، "ސިމްޕްލިފައިޑް އިންކަމް ޓެކްސް ބަޔާނެއް" ގެ ގޮތުގައި މިހާރު އިންކަމް ޓެކްސް ބަޔާން ހުށަހެޅޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
އިންކަމް ޓެކްސް ބަޔާން ތައްޔާރުކުރުމަށްޓަކައި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން، ލަސް ނުކުރައްވާ މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލްކުރައްވައިގެން އެހީތެރިކަން ހޯއްދެވުމަށް މީރާއިން އެދެއެވެ. މީގެ އިތުރުން، މި ހަފްތާގެ ތެރޭގައި މީރާގެ ސަރވިސް ސެންޓަރު ކުރިމަތީގައިވާ ޚާއްސަ އިންފޮމޭޝަން ޑެސްކްތަކުންވެސް އިންކަމް ޓެކްސް ބަޔާން ފުރިހަމަ ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މީރާއިން މައުލޫމާތުދެއެވެ.