ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވުމާ ގުޅިގެން ހިނގި ކަނޑުމަތީގެ ހަތް ހާދިސާއެއްގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެއެވެ.
މިގޮތުން "ކުރޫޒަރ 3" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުންޖަހާލައި މީހަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް މިރޭ 19:59 ހާއިރު ލިބުމާ ގުޅިގެން ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވެފައެވެ. ނަމަވެސް، 20:20 ހާއިރު މި ދޯނިން ގެއްލުނު މީހާ ފެނިފައިވާކަމަށާއި އިތުރު އެހީތެރިކަމެއް ބޭނުން ނުވާކަމަށް ރިޕޯޓްކުރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗު ވަނީ އެހެން ހާދިސާއަކަށް އެޓެންޑްވެފައެވެ.
މޫސުން ގޯސްވެ، މިރޭ ހިނގި އިތުރު ހާދިސާއެއްގައި ތުޅާގިރި ކައިރިން މާލެ ދަތުރުކުރަމުންދިޔަ "ޑެންގޫ ލޯންޗް" ނަމަކަށް ކިޔާ ލޯންޗެއް ކަނޑުގަނދަވެ ނުދުއްވިގެން ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އެމްއާރުސީސީއަށް މިރޭ 20:15 ހާއިރު ލިބުނެވެ. މި އުޅަނދުގެ ހާލަތު ބެލުމަށް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ ޑައިވަރުންނާއެކު އެ ސަރަހައްދަށް ދިޔުމަށް ހަރަކާތެރިވެފައެވެ. އަދި ފަހުން އެ ލޯންޗުގެ ދިޔަވުން ކޮންޓްރޯލްކުރެވި، އެ ސަރަހައްދުގައި ހަދަމުންދާ "ލޯބިގިލި" ރިސޯޓުގެ ބަނދަރަށް ވަދެފައިވާ ކަމަށް އުޅަނދުގެ ކެޕްޓަން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައެވެ.
މިރޭ ކޯސްޓްގާޑަށާ ރިޕޯޓް ކުރި އަނެއް ހާދިސާއަކީ، ކ.ގިރާވަރު ކައިރިން ދަތުރުކުރަމުންދިޔަ 22 ފޫޓްގެ "ލޮނު ޓެއިލްސް" ނަމަކަށް ކިޔާ ލޯންޗެއް ބަންޑުންޖަހާލި ހާދިސާއެވެ. މި ހާދިސާގެ ރިޕޯޓް މިރޭ 20:40 ހާއިރު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސޮޑްރަންގެ ހާބަރކްރާފްޓް ލޯންޗް އެސަރަހަށްދަށް ގޮސް އެ ލޯންޗުން ދަތުރުކުރި ހަތަރު މީހުން ވަނީ މިރޭ 21:26 ހާއިރު މާލެ ގެނެސްދީފައެވެ. އެ ހަތަރު މީހުންގެ ހާލު ވެސް ރަނގަޅެވެ.
މިރޭ ހިނގި އިތުރު ހާދިސާއެއްގައި ކ.ގާފަރު ކައިރިން ދަތުރުކުރަމުންދިޔަ "ލަކީ ސްޓާރ" ނަމަކަށް ކިޔާ ލޯންޗެއް މޫސުން ގޯސްވެ، ދިޔަވާކަމުގެ މަޢުލޫމާތު މިރޭ 20:08 ހާއިރު ވަނީ އެމްއާރުސީސީއަށް ލިބިފައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެފްއައިސީ ވެލާނާ ލޯންޗުގައި ޑައިންވަރުންނާއެކު ސްޓޭންޑްބައި ކުރެވިފައިވެއެވެ. ނަމަވެސް މި އުޅަނދު ދިޔަވުން ކޮންޓްރޯލްކުރެވި ސަލާމަތްތެރިކަމާއެކު، ކ.ގާފަރު ބަނދަރަށް ވަދެފައިވާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އެމްޕީއެލް ސަރައްދުގައި އޮތް ދެ ބާޖެއް ވައު ކަނޑައިގެން ގޮސް ފުނަދޫއާ ކައިރިވަމުންދިޔަ ކަމުގެ މަޢުލޫމާތު ވެސް ރޭ 20:49 ހާއިރު ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރުސީސީއަށް ލިބިފައެވެ. ނަމަވެސް އެމްޕީއެލްގެ ޓަގް ބޯޓްތައް ނެރެ މި ދެ ބާޖު އެމްޕީއެލް ސަރަހައްދަށް ވަނީ ވައްދާފައެވެ.
ރޭ ކުރި ވިއްސާރާގައި އެމްޓީސީސީގެ "މަހާޖައްރާފާ" ގެ ނަގިލި ކަހާލައިގެން ފަރަކާ ކަރިވަމުންދިޔަކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް މިރޭ 20:50 ހާއިރު ލިބުމާ ގުޅިގެން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން ސްޓޭންޑްބަައި ކުރެވިފައިވެއެވެ. ފަރާ ކައިރިވިނަމަވެސް "މަހާޖައްރާފާ" ފަރަށް އަރާފައެއް ނުވެއެވެ.
މިހާދިސާތަކުގެ އިތުރުން ފަތުރުވެރިން ގޮވައިގެން ކ.ރީތިރަށް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ރީތިރަށް ކައިރީގައިވާ ފިނޮޅަކަށް ބީހުނުކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ވަނީ މިރޭ ލިބިފައެވެ. މި ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެކި ފަރާތްތަކާ ކޯޑިނޭޓްކޮށްފައިވެއެވެ. އެ ލޯންޗުގައި ތިބި ފަތުރުވެރިން، ރީތިރަށް ރިސޯޓުން ފޮނުވި އެހެން ލޯންޗެއްގައި ވަނީ އެ ރިސޯޓަށް ގެންގޮސްފައެވެ.
ރޭ ކަނޑުމަތީގައި ހިނގި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.