އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައި އިއްޔެ މޫދަށް އެރި އުޅުނު ޒުވާނުންތަކެއް ގެނބި ހިނގި ހާދިސާ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފެންފުށީ ކައުންސިލްގެ ރައީސަށް ފޯނުންގުޅުއްވައި ހާލަތު އޮޅުންފިލުއްވައިފިއެވެ.

މި ފޯންކޯލުގައި އެމަނިކުފާނު ވަނީ އެ ހާދިސާގައި ނިޔާވި ޒުވާނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ފެންފުށީ ކައުންސިލްގެ ރައީސް ވަނީ، ހާދިސާގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ވިދާޅުވެދެއްވައިފައެވެ. މީގެ އިތުރުން އެރަށަށް އުދައެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅޭ މައުލޫމާތުވެސް ރައީސާ ހިއްސާ ކުރެއްވިއެވެ.

ފެންފުށީގައި މިދިމާވި ކަންކަމާއި ގުޅިގެން ސަރުކާރަށް ކޮށްދެއްވެންހުރި ހުރިހާކަމެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރަައީސް ވަނީ ކައުންސިލްގެ ރައީސަސް ދެއްވައިފައެވެ.