ހުސްވި ޖޫންމަހު ދެވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ގުރޫޕު ހަދައިގެން އައްޑޫ ސިޓީ ފޭދޫ ގެއަކަށްވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން އުމުރުން 21 އަހަރުގެ ޒުވާނަކު ޒަޚަމްކޮށްލުމުން އޭނާއަށް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

މި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅައި ނުފޫޒު ފޯރުވަން އުޅުމުގެ ތުހުމަތުގައި ފުލުހުން އިއްޔެ ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އުމުރުން 37 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރު ކޮށްފައިވަނީ ކޯޓުން އަމުރެއް ހޯދައިގެން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ ކުޑަ ކުއްޖަކަށް ނުރަނގަޅު ނުފޫޒު ފޯރުވައި ފުލުހުންގެ ތަހުގީގަށް ހުރަސް އެޅުމާއި ފުލުހުންނަށް ދަތިތަކުރަމުންދާ ކަމުގެ ތުހުމަތުގައެވެ. މީގެ އިތުރުން ވެސް ބައެއް ފަރާތްތަކުން އެމައްސަލައަށް ހުރަސް އަޅައި ނުފޫޒު ފޯރުވަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ 7 މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ ދެ ކުއްޖަކާއި 18 އަހަރާއި 28 އަހަރާ ދެމެދުގެ ފަސް ފިރިހެނުންނެވެ. މީގެ ތެރެއިން ބައެއް މީހުންވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަނެއްބައި މީހުންގެ ބަންދުގެ މުއްދަތުވަނީ ތިންވަނަ ފަހަރަށް އިތުރު ކޮށްފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި މިހާތަނަށް ލިބިފައިވާ ހެއްކާއި ބެހޭ ގޮތުން ޕީޖީ އޮފީހާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. މިހާރު ގެންދަނީ ތަހުގީގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.