މިހިނގާ 1443 ވަނަ އަހަރު އަމީރުލް ޙައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޙައްޖަށް ފުރާ ވަޑައިގެންފި ކަމަށް އިސްލާމިލް އެފެެއާޒު މިނިސްޓްރީން ވިދާޅުވެއްްޖެެއެވެ. މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އަނބިކަނބަލުންވެސް ބައިވެރިވަޑައިގެންނެވިއެވެ.

ކޮންމެ އަހަރަކު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ބޭފުޅަކު ކަނޑައަޅުއްވައެވެ. އެ ގޮތުން މިއަހަރު އަަމީރުލް ޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅެއްް ކަމަށް ރައީސްް އިބްރާހީމް މުޙައްމަދު ޞާލިހު ހަމަޖެއްސެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ އެވެ. އެހެން ކަމުން މިއަހަރު ރާއްޖޭގެ ޙައްޖާޖީންގެ ކަންތައްތައް އެންމެ އިސްކޮށް ބަލަހައްޓަވާނީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 453 މީހަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރާފައިވެއެވެ. ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕް ފުރީ ރޭގައެވެ. ރައީސް ވަނީ ރޭ އެބޭފުޅުންނަށް އަލްވަދާޢު ވިދާޅުވެފައެވެ.

ރާއްޖެއިން ޙައްޖަށް ފުރި ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަންއިން މަޢުލޫމާތުދެއްވާފައިވާ ކަމަށް އިސްލާމިކް އެފެއާޒު މިނިސްޓްރީން ވިދާޅުވިއެވެ.