މިސްކިތެއް ޒީނަތްތެރިކޮށް އިމާރާތްކުރިއަސް އަޅުކަމުން ޒީނަތްތެރިނުވެވޭނަމަ އެއީ މިސްކިތެއްގެ ގޮތުގައި އެއިމާރާތެއް ފާހަގަނުވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު އަލަށް މި ހުޅުވުނު މިސްކިތުގައި ނަމާދުކުރުމަށް އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ބިނާކޮށްފައިވާ ”މަސްޖިދު ރަޝީދު” ހުޅުވަން، ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއް ނިޔާވުމަށްފަހު ދެމިގެންދާނެ ގޮތަކަށް ދަރުމަޔާއި ސަވާބު ލިބޭނެކަމެއްވުން އެއީ ކޮންމެ ބޭފުޅެއްގެވެސް އުންމީދެއްކަމަށެވެ.އަދި މައްޔިތާ މަރުވުމަށްފަހު ކޮށްދެވޭ ހެޔޮކަންތައްތަކަށް ބައްލަވާލެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މި މިސްކިތަށް ހިނގާ ހުރިހާ ޚަރަދެއް އާރު.ސީ.ސީން ކުރަން ނިންމާފައިވާތީ އެކަން ފާހަގަކުރައްވާފައެވެ. 1200 މީހުންނަށް ނަމާދުކުރެވޭގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތުގައި އަންހެނުންނަށް ވެސް ވަކިން ނަމާދުކުރެވޭނެއެވެ.

3 ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތް ފަރުމާކޮށްފައިވަނީ ޕާކިންގ އޭރިއާއަކާވެސް އެކީގައެވެ. މިސްކިތަށް ބޭނުންވާ ކަރަންޓް އިޔާދަކުރަނިވި ހަކަތައިން ލިބޭގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތް ރޭ އިޝާނަމާދުން ފެށިގެން ވަނީ އާންމުންނަށް ނަމާދުކުރުމަށް ހުޅުވާލެވިފައެވެ.

މި މިސްކިތް ހުޅުވުމާއިއެކު އެ އެސަރަހައްދުގައިހުރި ވަގުތީ މިސްކިތް ”މަސްޖިދުލް ފިތުޔަ” ވަނީ ބަންދުކޮށްފައެވެ.