މި އަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންގެ ފަހު ގްރޫޕް ރޭ ސަޢުދީ އަރަބިޔާއަށް ފުރައިފިއެވެ. ރޭ ފުރާފައިވަނީ 115 މީހުންނެވެ. އެމީހުންނަށް އަލްވަދާޢު ވިދާޅުވުމަށް ރައީސް ސާލިހު އެއާޕޯޓަށް ވަޑައިގެންނެވިއެވެ.

ޙައްޖުވެރިން އެއާޕޯޓަށް ދިއުން ފަސޭހަ ކުރުމަށްޓަައި ކަމާގުޅޭ މުއައްސަސާތަކުން ހުރީ އެއިންތިޒާމް ހަމަޖައްސަވައިފައެވެ. ރޭވެސް ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސްޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް ބޭފުޅުން ތިއްބެވިއެވެ.

ރޭ ޙައްޖުވެރިން ފުރިއިރި، މޫސުން ގޯސްވުމާ ގުޅިގެން ބަސް ދަތުރުކުރާ ރޫޓްތަކަށް ބަދަލު ވެސް ގެންނަން ޖެހުނެވެ. އެ ގޮތުން ވިއްސާރަވެއްޖެނަމަ ޙައްޖުވެރިންނަށް ހިޔާވެވޭނެކަހަލަ ދިމާތަކަށްވަނީ ހަމަޖައްސާފައެވެ. ޙައްޖުވެރިންނާއިއެކު ބަސްތައް ދަތުރުކުރަމުންދިޔައިރު މި ބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޓްރެފިކް ބަލަހައްޓާދިނެވެ.

ޙައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއަރޕޯޓްތެރެއިންވެސް ކަމާގުޅޭ މުއައްސަސާތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރޭ ޙައްޖުވެރިންގެ ފްލައިޓް ފުރާފައިވަނީ ރާއްޖެގަޑިން 23:30 ގައެވެ. އެމީހުން ފުރީ ސަޢުދީ އެއާލައިންއިންގެ ބޯޓެއްގައެވެ.