ކުރަތްޕާއި މަދިރި ނޫނަސް ހިންޏާއި މެހިންވެސް ސަލާމަތް ވުމަށް ކޮފީއާއި ކަރަންފޫ ވަރެއް ނެތެވެ. މިއީ ތި ބޭނުންކުރާ "ހިޓް" އަށްވުރެ މާ ކާމިޔާބު އުކުޅެކެވެ.
ގޭތެރެއަށް ވަންނަ ސޫފިތަކުން ސަލާމަތްވުމަށް އެކި މީހުން ތަފާތު ބާވަތްތަކުގެ ތަކެތި ބޭނުނުން ކުރެއެވެ. މީގެތެރޭގައި ގިނައީ ކެމިކަލް ހުންނަ ބާވަތްތަކެވެ.
ޑެންގޫއާއި މެލޭރިއާފަދަ ނުރައްކާތެރި ބަލިތައް ފަތުރާ މަދިރިން ސަލާމަތްވުމަށް އެންމެންވެސް ބޭނުންވެއެވެ. އެހެންކަމުން ލޯޝަން އާއި ދުންދަނޑި އަދި ތަފާތު ސްޕްރޭތަކުގެ ބޭނުން ހިފައެވެ. މި ވިހަ، ކެމިކަލްގެ ބާވަތްތަކުގެ ބޭނުން ހިފަނީ އެހެން ގޮތެއް ނެތިގެނެވެ. ނަމަވެސް މިއީ ކުޑަކުދިންނާއި ބޮޑެތިމީހުންގެ ސިއްޙަތަށްވެސް ރަނގަޅު ތަކެއްޗެއްނޫނެވެ.
އެހެންކަމުން ގޭތެރެއިން އާންމުކޮށް ލިބެން ހުންނަ ކޮފީއާއި ކަރަންފޫ ބޭނުންކޮށްގެން މި ސޫފާސޫފީން ސަލާމަތް ވުމަށް އަޖުމަ ބަލައިލެވިދާނެ އެވެ.
ގޭތެރޭއަށް ވަންނަ އުދުހޭ ތަކެތިން ސަލާމަތްވުމަށް ޖޯޑަކަށް 4 ސަމުސާ ކޮފީ އެޅުމަށްފަހު 10 ކަރަންފޫ އަޅާށެވެ. އެއަށްފަހު އުއްބައްތިއެއްގެ ފީތާ އިން ނުވަތަ ވަކިން، ވިއްކަން ހުންނަ ފީތާ އެއް ވިޔަސް މި ކޮފީޖޯޑު ތެރެއަށް ލައި ހުޅުކޮޅެއް ރޯކުރާށެވެ. (އަލިފާން ކޮޅެއް ރޯކުރާށެވެ.) އަލިފާން ރޯކުރާނީ ފީތާކޮޅު ކޮފީ ޖޯޑުގައި ހަރުކޮށްފައެވެ. އެއީ ޖޯޑުގެ މެދުތެރެއިން ކޮފީ ކޮޅު އެއްފަރާތްކޮށްފައި ފީތާގެ އެއްބުރި ވަޅު ލާފައެލިވެ. މިގޮތަށް ރޯކުރުމުން ފީތާ އަނދާ ނިމޭއިރު ކޮފީ އިން ދުން އަރާނެއެވެ. މި ވަހަކީ އުދުހޭ ސޫފިތަކަށް ކަމުދާ ވަހަކަށް ނުވެއެވެ. އެހެންކަމުން އެ ސޫފިތައް މި ވަހުން ސަލާމަތްވުމަށް ދުވެ ފިލާފާނެއެވެ.
މިގޮތަށް ކޮފީއާއި ކަރަންފޫގެ ވަސް ދުއްވާލުމުން ގޭތެރެއަށް މަދިރިއާއި ކުރަފި ވަނުން ހުއްޓުވުމުގެ އިތުރަށް މީރު ވަސްވެސް ދުއްވޭނެއެވެ. އަދި ކެމިކަލް އެކުލެވޭ ސްޕަރޭތަކުންވެސް ސަލާމަތްވީއެވެ. ކުރަފި މަރަން ޖެހި "ހިޓް" ގެ ވަސްކެނޑެންދެން ކޮޓަރިއަށް ނުވަދެ ތިބޭކަށް ނުޖެހޭނެއެވެ.