2016 ވަނަ އަހަރު ތުރުކީއަށް ގެންނާން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅިގެން ކުރީގެ ޕައިލެޓުންނާއި، އަދި ބަޣާވާތުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވި 337 މީހަކު އުމުރަށް ޖަލަށްލުމަށް ތުރުކީގެ ކޯޓަކުން މިއަދު ހުކުމް ކޮށްފިއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ވެރިކަން ބަޣާވާތަކުން އިންގިލާބު ކޮށްލުމަށް 2016 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު ކުރެވުނު ނާކާމިޔާބު މަސައްކަތްތަކާ ގުޅިގެން ތުރުކީން ގާތްގަނޑަކަށް 500 އާ ގާތްކުރާ އަދަދެއްގެ މީހުން ޝަރީއަތަށް ހުށަހަޅާފައި ވެއެވެ.

ސަރުކާރު ވައްޓާލުމުގެ ހަރަކާތް ރޭވި، ހަމަލާތައް ފެށިގެންދިޔައީ އަންކާރާ ކައިރީގައި އޮންނަ ސިފައިންގެ އަސްކަރީ ބޭހަކުންނެވެ.

އެގޮތުން، ހަނގުރާމަމަތީ މަތިންދާ ބޯޓުތަކާއި، ހެލިކޮޕްޓަރުތަކާއި ބޮޑުބަޑި ބޭނުންކޮށްގެން ސަރުކާރުގެ އިމާރާތްތަކަށާއި، ޕާލަމެންޓް އިމާރާތަށް ބޮން އަޅައި، ހަމަލާތައްދީ ތަންތަން ހިސާރުކުރުމަށް ސިފައިންގެ ބަޔަކު ކުރި މަސައްކަތުގެ ތެރޭގައި 250 މީހުން މަރުވިއެވެ.

ނަމަވެސް، ތުރުކީގެ ސިފައިންނާއި، އާންމުން ގުޅިގެން ކުރި މަސައްކަތުން ބަޣާވާތް ކުރަން އުޅުނު ސިފައިންގެ މަސައްކަތް ނާކާމިޔާބު ކޮށްލިއެވެ.

މި ބަޣާވާތާ ގުޅިގެން ތުރުކީ ސަރުކާރުން 292،000 މީހުން ހައްޔަރުކޮށް އަދި 100،000 އެއްހާ މީހުން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރިއެވެ.

ބަޣާވާތާ ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށް ޝަރީއަތް ހިންގަމުންދާއިރު، މީގެ ތެރޭގައި ސިފައިންނާއި، ތުރުކީ ސަރުކާރުގެ ވަރަށް މަތީ ފެންވަރުގެ އޮފިޝަލުންވެސް ހިމެނެއެވެ.

ބަޣާވާތުގެ މުގުލުގައި ހުރި ކަމަށް ތުރުކީން ތުހުމަތު ކުރަނީ، އެމެރިކާގައި ދިރިއުޅޭ ތުރުކީގެ ވިޔަފާރިވެރިޔާ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ފަތުހުﷲ ގުލެން ކަމަށެވެ.

މިއަދު އުމުރަށް ޖަލަށްލާން ހުކުމްކުރި މީހުންގެ ތެރޭގައި އެފް-16 މަތިންދާ ބޯޓުގެ 25 ޕައިލެޓުންވެސް ހިމެނެއެވެ. އެ 25 މީހުން އުމުރަށް ޖަލަށް ލާފައިވަނީ ޕެރޯލްގެ ދަށުންވެސް މިނިވަން ނުކުރެވޭ ގޮތަށްކަމަށް އަނަދޮލު ނޫސް އޭޖެންސީން ބުނެފައި ވެއެވެ.

އުމުރަށް ޖަލަށްލި މީހުންގެ ތެރޭގައި ތުރުކީ އެއަރފޯސްގެ ކުރީގެ ކޮމާންޑަރ އާކިން އުޒްތުރްކްވެސް ހިމެނެއެވެ.

އަދި ބަޣާވާތުގައި އެންމެ އިސްކޮށް އުޅުނުކަމުގެ ކުށް ސާބިތުވި 4 މީހުންގެ މައްޗަށް، ތުރުކީގެ ރައީސް އަވަހާރަކޮށްލަން އުޅުމާއި، މީހުން މެރުމާއި، ގާނޫނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ކުށް ސާބިތުވެ އެއިން ކޮންމެ މީހަކު، ޕެރޯލްގެ ދަށުންވެސް މިނިވަން ނުކުރެވޭގޮތަށް 79 ފަހަރަށް އުމުރަށް ޖަލަށްލުމުގެ ހުކުމް ކޯޓުން ކޮށްފައިވެއެވެ.