ފައިސާދޭ މީހާއަށް އޮންނަ އިތުބާރެއްގެ ގޮތުގައި ސްޓެލްކޯގެ ކަސްޓަމަރުންނަސް އެންމެ ފުރަތަމަ އިހުތިރާމް ކުރަންޖެހޭ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.

ޝަރީފު މިހެން ވިދާޅުވީ, ސްޓެލްކޯ އާއި އެކުންފުނީގެ ޚިދުމަތް ހޯދަމުންދާ ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަސްޓަމަރުންގެ ފުރިހަަމަ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން މިއަދު ފެށި "ކަސްޓަމަރ ސަރވިސް އެކްސެލެންސް ޓްރެއިނިން ޕްރޮގްރާމް" ފަށްޓަވައިދެއްވަމުންނެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯ މުވައްޒަފުން ގެއަށް ގެންދާ މުސާރައަކީ ކަސްޓަމަރުންދޭ ފައިސާ ކަމަށެވެ. އެހެން ކަމުން "ލާރި ދޭ މީހާއަށް ކުރާ އިޙްތިރާމެއްގެ ގޮތުގައި ކަސްޓަމަރުންނާ ދޭތެރޭ އޮންނަ އެޓިޓިއުޑް އެބަޖެހޭ ބަދަލުކުރަން. ފުރަތަމަ އެ އިޙްތިރާމު ދިނުމަކީ އެންމެ ފުރަތަމަ ކަންތައް،" އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅު ކަސްޓަމަރުންނާމެދު ހެޔޮ ނިޔަތަކާއެކު އިޙްތިރާކޮށް ކަސްޓަމަރުންނާ މެދު އޮތްނަމަ އޮތް ނޭދެވޭ "އެޓިޓިއުޑް" ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ ކަސްޓަމަރަކާ ދިމާވުމުން ފުރަތަމަ އަމިއްލައަށް ތަޢާރަފްވުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. އެއަށްފަހު އިޙްތިރާމް އަދާކުރުމަށްފަހު ކަސްޓަމަރު ހިތްހަމަޖެހޭ ފަދަ ގޮތަކަށް ވާހަކަދެއް ކުމަކީ ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ކަސްޓަމަރުންގެ އެދޭފެންވަރަށް އެމީހުން ހިތްހަމަޖެހޭ ގޮތަށް ސްޓެލްކޯ ހިންގުމަށް އެންމެހާ މުވަޒަފުންވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އެންމެ މިނެޓަކަށް ވެސް ކަރަންޓު ކެނޑުނަނުދީ ތަން ހިންގޭތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. "އެންމެ މިނިޓަކަށް ކަރަންޓު ކެނޑުނަސް ސްޓެލްކޯއަކީ ހިންގޭ ތަނަކަށް ނުވާނެ. ކަރަންޓު ބިލު ކަސްޓަމަރު އަތަށް ލިބޭ ކޮންމެ ފަހަރަކު ބިލު ބޮޑުވެފައިވާނަމަ ސްޓެލްކޯއަކީ ހިންގުންތެރި ތަނެއް ނޫން. އަދި އެތަނުގައި ތިބޭ މީހުންނަކީވެސް ތަންދޮރުދަންނަ ބައެއް ނޫން. މި ޚިދުމަތަށް ދިމާވާ ކޮންމެ ޚިދުމަތަކީ އޭގެ ޖަވާބުގައި ކުންފުންޏަށް ނޭދެވޭ ބަސްތައް އަމާޒުވަމުންދާ ފަހަރު. އެކަމާ ދޭތެރޭ އެންމެހާ މުވައްޒަފުން ވިސްނަންއެބަޖެހޭ،" ޝަރީފް ވިދާޅުވިއެވެ.