ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީ ގެ ދަށުން، ފެންހިންދާ ހޮޅި ވަޅުލުމުގެ މަސައްކަތުގެ ވަރަށްބޮޑު ބައެއް މިހާރުވަނީ ނިމިފައި ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމަސައްކަތް ކުރަމުންދާ އެމްޓީސީސީން ވިދާޅުވެފައިވަނީ އެމަސައްކަތުގެ 93 ޕަސެންޓް މިހާތަނަށް ވަނީ ނިމިފައި ކަމަށެވެ. އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ސެޓްލެމެންޓް ޓޭންކް އިންސްޓޯލް ކުރުމުގެ މަސައްކަތާއި ޕޭވްމަންޓް މަސައްކަތްތައް ކަމަށް ވެސް ވިދާޅުވެފައިިވެއެވެ.

މިއީ 53.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރާނެއެވެ. އަދި 10،392 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމަށް ހަމަޖެހިފައިިވެއެވެ. އޭގެ އިތުރުން ފެންހިންދާ ނިޒާމަކާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނިފައިވެއެވެ.