މާލޭ އަމީނީ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮޮށްފިއެވެ. އެ ކުންފުންޏާ އެމަސައްކަތް ހަވާލުކުރީ ތާރު އަޅައިގެން ޒަމާނާ އެއްގޮތަށް ހެދުމަށެވެ.

މި މަސައްކަތް އެކުންފުންޏާ ހަވާލު ކުރީ ޕްލޭނިން މިނިސްޓްރީންނެވެ. މަސައްކަތުގެ އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީ މަނިކެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދެވެ.

މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގުކަމަށްވާ އަމީނީމަގުގެ މަރާތު ނުކޮށް ގިނަދުވަސްވުމުން އެމަގު ވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. އެކަމުގެ އުދަގޫ ދުއްވާ އެއްޗެއްސަށާއި ހިނގާބިނގާ އުޅޭ މީހުންދަނީީ ވަރަށްބޮޑަށް ވަމުންނެވެ.

މި އެއްބަސްވުމުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދުގައި ތާރު އެޅާނެއެވެ. އޭގެ އިތުރުން މަގުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރާ ގޮތަށް ވެސް އެއްބަސްވެފައިވެއެވެ. އަދި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަސައްކަތް އާރުޑީސީއާ ޙަވާލުކޮށްފައިވަނީ 7 މަސް ދުވަހުން ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 84 މިލިއަން ރުފިޔާއެވެ.