ދިވެހި ރުފިޔާގައި ބޭނުންކުރާނޭ މުޅިން އައު ނިޝާނެއް މަރުކަޒީ ބޭންކު އެމްއެމްއޭއިން މިއަދު ކަނޑައަޅައިފިއެވެ.

މި ނިޝާން އިފްތިތާހު ކޮށްދެއްވީ އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.

މި ނިޝާނަކީ އާއްމުކޮށް ހުޅުވާލައިގެން ބޭއްވި މުބާރާތަށް ހުށަހެޅުނު ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ފަނޑިޔާރުން ހޮއްވެވި ފަރުމާއެވެ. މިނިޝާން ފަރުމާކޮށްފައިވަނީ މ. ސްޕޮޓްލައިޓް، ޙަސަން ޝުޖާއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ މިފަދަ ނިޝާންތައް ގެންގުޅެނީ ދުނިޔޭގެ ފަންސާހަކަށް ގައުމަކުން ކަމަށެވެ. އެ ލިސްޓަށް ރާއްޖޭގެ ނަން އިތުރުވުމަކީ ފަޚުރެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަނަރ ޢަލީ ހާޝިމް ވިދާޅުވީ ކުރިއަށް އޮތްތާގައި ޗާޕުކުރާ ދިވެހި ފައިސާގައި މިނިޝާން ބޭނުން ކުރާނޭ ކަމަށެވެ. އޭގެ އިތުރުން ނިޝާނަށް އާންމުން އަހުލުވެރި ކުރުވުމަށް ވެސް މަސައްކަތްކުރާނޭ ކަމަށް ވިދާޅުވިއެވެ.